ފެނަކައިން ޓައިމް އޮފް ޔޫސް ޓެރިފް ތައާރަފްކުރަނީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު -- ފޮޓޯ/ ރައީސް އޮފީސް

އާންމުކޮށް ޕީކް ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުވުމަށް ޓަކައި ފެނަކައިން "ޓައިމް އޮފް ޔޫސް"ގެ ނަމުގައި ޓެރިފެއް ނަގަން މަޝްވަރަކުރަމުން އަންނަކަމަށް އެ ކުންފުނިން ރޭ ބުނެފިއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެއާއެކު ސްމާޓް މީޓަރު މެދުވެރިކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ ކަމަށް ޓަކައި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް ޓައިމް އޮފް ޔޫސް ޓެރިފް ބޭނުންކުރުމަށް ގަސްތުކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނާޝިތު ވިދާޅުވި ގޮތުގައި ޓައިމް އޮފް ޔޫސް ޓެރިފްގައި ވާގޮތުން، ސްމާޓް މީޓަރުން، މިނެޓުން މިނެޓަށް، ސިކުންތުން ސިކުންތަށް ބޭނުންކުރެވޭ މިންވަރަކީ ކިހާވަރެއްކަން ބަލާލެވޭނެއެވެ. އެހެންކަމުން ކޮންމެ ގަޑިއިރަކަށް ބިލްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ޕީކް ގަޑިތަކުގައި ކަރަންޓު އުފެއްދުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.

"ޕީކް މިވަނީ މެންދުރު 10 އަކާ ދެއަކާ ދޭތެރޭ، އެހެންވީމަ ޕީކް ގަޑީގަ ޕީކް ކަރަންޓު އުފައްދަން ވަރަށް ބޮޑު ހޭދައެއް އެބަ ކުރަންޖެހޭ ތެލަށް. އެއް ޖަނަރޭޓަރުން ނުވެގެން ދެ ޖަނަރޭޓަރު ޖައްސަންޖެހޭ،" ނާޝިތު ވިދާޅުވިއެވެ.

"މިސާލަކަށް ޕީކް ގަޑީގަ އިސްތިރިކުރާ އެންމެންތައް ޕީކް ނޫން ގަޑިއެއްގައި އިސްތިރިކުރަން ގޮސްފިއްޔާމު އަޅުގަނޑުމެންނަށް އެ ޕީކް އެބަ ކުޑަ ކުޑަކޮށްލެވޭ އެންކަމުން ތެލަށް ކުރާ ހޭދަ އެބަ ކުޑަކޮށްލެވޭ،" ނާޝިތު ވިދާޅުވިއެވެ.

ނާޝިތު ވިދާޅުވީ، ބޭނުންވަނީ ޕީކް ނޫން ގަޑިއާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އޭގެ ސަބަބުން ކަރަންޓު އުފައްދަން ކުރާ ޚަރަދު ކުޑަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް