މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު މިއަހަރު ކައިވެންޏާއި ވަރި އިތުރުވެއްޖެ

މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު މިއަހަރު ކައިވެންޏާއި ވަރި އިތުރުވެއްޖެ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނިމިދިޔަ 2023ވަނަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓު މަހު ކައިވެންޏާއި ވަރި އިތުރުވެފައި ވާކަމަށް ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ އޮގަސްޓު މަހު އެކޯޓުން ވަނީ 147 ވަރިއެއް ސާބިތުކޮށްދީ، 186 ކައިވެންޏެއް އަގުދު ކޮށްދީފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހު އެ ކޯޓުން ސާބިތުކޮށްދީފައި ވަނީ، 132 ވަރިއެވެ. އަދި 171 ކައިވެނި އަގުދުކޮށްދީފައި ވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަހާ އަޅާބަލާއިރު، ވަރިކޮށްފައިވާ މިންވަރު މިއަހަރު ވަނީ 11.4 ޕަސަންޓު އިތުރުވެފައެވެ. އަދި ކައިވެނިކޮށްފައިވާ މިންވަރު ވަނީ 8.8 ޕަސަންޓު އިތުރުވެފައެވެ.

މިއަހަރުގެ އޮގަސްޓު މަހު ފެމެލީ ކޯޓަށް ވަރީގެ 148 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ޖުލައި މަހު ނުނިމި ހުރި 166 މައްސަލައަކާއެކު މިއަހަރުގެ އޮގަސްޓު މަހުގައި އެ ކޯޓުން ވަނީ ވަރީގެ 188 މައްސަލަ ނިންމާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކޯޓުން ނިންމާފައިވާ ވަރީގެ މައްސަލަތައް މިދިޔަ އަހަރާއި މި އަހަރުގެ އޮގަސްޓުމަހު ވަނީ އެއްވަރުވެފައެވެ

އެގޮތުން، މިދިޔަ އަހަރުގެ އޮގަސްޓުމަހު އެ ކޯޓަށް ވަނީ ވަރީގެ 184 މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ އަހަރުގެ ޖުލައި މަހުގައި ނުނިމި ހުރި 189 މައްސަލައަކާއި އެކު ޖުމްލަ 188 މައްސަލައެއް އެ ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ނިންމާފައެވެ.

މި އަހަރުގެ އޮގަސްޓު މަހު އެ ކޯޓަށް ހުށަހެޅިފައިވާ ވަރީގެ މައްސަލަ ތަކުގެ ތެރޭގައި ވަރި ވުމަށް އެދިގެން ނިންމައިދީފައިވާ 80 މައްސަލައަކާއި ވަރިކުރުމަށް އެދިގެން ނިންމައިދީފައިވާ 45 މައްސަލައަކާއި ވަރި ސާބިތުކުރުމަށް އެދިގެން ނިންމައިދީފައިވާ 62 މައްސަލައެއްގެ އިތުރުން ވަރިއާމެދު ޝައްކުއުފެދިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެއް އެ ކޯޓުން ވަނީ ނިންމާފައެވެ.

މިއީ މި އަހަރުގެ ޖުލައި މަހު ނިންމާފައިވާ ވަރީގެ 218 މައްސަލައާ އަޅާބަލާއިރު 13 ޕަސަންޓުގެ ދައްވުމެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު މިއަހަރު ކައިވެންޏާއި ވަރި އިތުރުވެއްޖެ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަރީގެ އިތުރުން ކުޑަކުދީންނާ ގުޅުންހުރި ހަ މައްސަލައެއް ވެސް އޮގަސްޓު މަހު އެ ކޯޓަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ދެ މައްސަލައަކާއި ގާނޫނީ ބެލެނެވެރިކަން ފޮސްޓާކުރާ ފަރާތައް ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާއި ދަރިން ބަލާ ބޮޑުކުރުމަށް އެހެން މީހަކާ ހަވާލުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ކުއްޖާ އިޚްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމަށް އެދި ހުށަހަޅާފައިވާ ދެ މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން އެ ކޯޓުން އޮގަސްޓުމަހު ނިންމާފައިވާ އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ވަލީ ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތަކާއި ސުލްހަކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކާއި މަރު ސާބިތުކުރުމާއި ބެލެނިވެރިކަމާއި ހުކުމް ތަންފީޒުކުރުން އަދި ނަސަބު ސާބިތުކުރުމުގެ އިތުރުން އެހެނިހެން ބާވަތަތަކުގެ އާއިލީ މައްސަލަތައް ހިމެނެއެވެ.

comment ކޮމެންޓް