އަމީރު އަހުމަދު ޕްރީސްކޫލާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން އިޖުތިމާއީ ހަރަކާތްތަކެއް ބާއްވަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އެކުއެކީ ބައިވެރިވެގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ބޭއްވުމަށް އަމީރު އަހުމަދު ޕްރީސްކޫލާއި އޭޖްޑް ކެއާ މޯލްޑިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.
އެގޮތުން ދުޅަހެޔޮކަމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުވާނެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.
އޭޖްޑް ކެއާއިން ބުނި ގޮތުގައި މި ހަރަކާތް ހަ މަސް ދުވަހަށް ރާވައިގެން ކުރިއަށް ގެންދާނެއެވެ. އެގޮތުން އިއްޔެ ވަނީ މި ހަރަކާތްތަކުގެ ފުރަތަމަ ސެޝަން ބާއްވައިފައެވެ.
އޭޖްޑް ކެއާއިން ބުނި ގޮތުގައި އަމީރު އަހުމަދު ޕްރީސްކޫލާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ސަބަބުން އެކި އުމުރުފުރާތަކުގެ މީހުން އެއްކޮށް ވަގުތު ހޭދަކުރުމަށް ފުރުސަތު ފަހިވެގެންދެއެވެ. ވަކިން ޚާއްސަކޮށް، ކުޑަކުދިންނަށް އުމުރުން ދުވަސްވީ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް ވެސް ފުރުސަތުތައް ލިބޭނެއެވެ. އަދި އެއީ އެ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގޮތަށް އޭޖްޑް ކެއާއިން ފާހަގަކުރެއެވެ.
އިއްޔެ، މި ހަރަކާތްތައް ފަށާފައިވާއިރު އެކި އުމުރުފުރާގެ ކުދިންނާއި މީހުން އެކުގައި އެވެއާނެސް ސެޝަނެއް ބާއްވާފައިވެއެވެ. އަދި މުސްތަގުބަލުގައި ހިންގާނެ ހަރަކާތްތަކުގެ ތެރޭގައި ވެސް އެކި އުމުރުތަކުގެ މީހުން އެކުގައި ވަގުތު ހޭދަކުރެވޭނެ ހަރަކާތްތައް ހިމެނޭނެ ކަމަށް އޭޖްޑް ކެއާއިން ބުންޏެވެ.
މި ހަރަކާތްތައް އަމީރު އަހްމަދު ޕްރީސްކޫލުގައި ކުރިއަށްގެންދާއިރު، އެކަމަށް ބޭނުންވާ ސާމާނާއި ސެޓްއަޕް ތައްޔާރުކުރުމުގައި ވެސް އެ ސްކޫލުން އެއްބާރުލުން ދޭ ކަމަށް އޭޖްޑް ކެއާއިން ބުންޏެވެ.