ބިބީގެ ޓިކެޓު ވިއްކަން ފަށައިފި

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް" އިން އެންމެ އަވަހަށް ނެރުމަށް ތައްޔާރުވަމުން އަންނަ "ބިބީ"ގެ ޓިކެޓު ދޫކުރަން ފަށައިފިއެވެ.

މި އަހަރު އެންމެ ވަރުގަދައަށް ޑާކްރެއިނުން މިހާރު ދައްކަމުން ދަނީ ބިބީގެ ވާހަކައެވެ. މިއީ ޑާކްރެއިންއިން މި އަހަރު ނެރުމަށް ތައްޔާރުވާ ބިރުވެރި ކޮމެޑީ ފިލްމެކެވެ.

ފިލްމުގެ ގިނަ މަސައްކަތްތަކެއް މި އަހަރުގެ ކުރީކޮޅުގައި ކޮށްފައިވާއިރު އެންމެ ފަހުން މިހާރު ވަނީ ފިލްމުގެ ޓިކެޓު ދޫކުރަން ފަށާފައެވެ. އޮލިމްޕަހުގައި ފިލްމު އެޅުވުމަށް ތައްޔާރުވަމުންދާއިރު މި ފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ކައުންޓަރުން ނެގޭނެއެވެ.

ފިލްމުގެ ޓިކެޓު ގަތުމަށް 9911229 އަށް ގުޅާލައިގެން ނުވަތަ ވައިބާ ކޮށްލައިގެން ވެސް ޓިކެޓު ގަނެލެވޭނެ ކަމަށް ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ.

ކޮމެޑީ އަދި ބިރުވެރި ޖޯންރާ އެއްކޮށްލައިގެން ތައްޔާރުކުރާ މި ފިލްމުގައި ބިރުވެރިކަމުގެ ރަހަ ރަނގަޅަށް ވެސް ހުންނާނެކަން މިހާތަނަށް އާންމުކޮށްފައިވާ ޓްރެއިލަރުތަކާއި ޓީޒަރުތަކުން ފެނިގެންދެއެވެ.

މި ފިލްމުގެ ލީޑުގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲ އެވެ. ޝަރަފަކީ މި ވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ.

ޑާކްރެއިނުން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ބިބީގެ ޕްރޮމޯޝަނަލް މަސައްކަތް މިހާރު ކުރިއަށް ގެންދާއިރު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.

comment ކޮމެންޓް