މި އަހަރުގެ މިހާތަނަށް, މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އިތުރަށް އައިސްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،435،272 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް އައީ 1،303،888 ފަތުރުވެރިންނެވެ.
އެއީ 131،384 ފަތުރުވެރިންގެ އިތުރުވުމެކެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް އައިއިރު އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ޗައިނާއެވެ. އެގޮތުން ޗައިނާގެ މާކެޓު މިހާރު ވަނީ ދެލައްކައަށް އަރާފައެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތްއިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
މިހާތަނަށް ރާއްޖޭގެ ޓޮޕް 10 މާކެޓުތަކަކީ:
- ޗައިނާ: 209،791 ފަތުރުވެރިން
- ރަޝިއާ: 155،900 ފަތުރުވެރިން
- އިނގިރޭސިވިލާތް: 122،839 ފަތުރުވެރިން
- އިޓަލީ: 104،574 ފަތުރުވެރިން
- ޖާމަނީ: 101،425 ފަތުރުވެރިން
- އިންޑިއާ: 86،755 ފަތުރުވެރިން
- ޔޫއެސްއޭ: 48،656 ފަތުރުވެރިން
- ފްރާންސް: 40،358 ފަތުރުވެރިން
- ސްޕެއިން: 32،359 ފަތުރުވެރިން
- ސްވިޒަލެންޑް: 26،568 ފަތުރުވެރިން
ފާހަގަކޮށްލެވޭ ގޮތުގައި ހަވަނައިގައި އޮތް އިންޑިއާގެ މާކެޓަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އިންޑިއާއަކީ މި އަހަރު ފެށުނުއިރު ވެސް ރާއްޖޭގެ އެއްވަނަ މާކެޓެވެ.
ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އެވަރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ 79،795 އެނދު ހުރި ކަމަށް އެ މިނިސްޓަރީގެ ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި އައިއެފްޓީއެމް ޓޮޕް ރެސާ 2024 ގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އެއީ އަށްވަނައިގައި އޮތް ފްރާންސްގެ މާކެޓަށް ރާއްޖޭގެ ތަޖުރިބާ ދައްކާލައި، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަގްސަދުގައެވެ.
މިފަދަ ގިނަ ފެއާތަކެއްގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީއާއި ފަތުރުވެރިކަމާ ބެހޭ އެހެން ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.