އައިއެފްޓީއެމް ޓޮޕް ރެސާ 2024 ގައި ފްރާންސްގެ މާކެޓަށް ރާއްޖޭގެ ތަޖުރިބާ ދައްކާލައި، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ފަށައިފިއެވެ.
މި ހަރަކާތް އިއްޔެ ފަށާފައިވާއިރު މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ވިޒިޓް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ ގިނަގުނަ ތަޖުރިބާތައް ފްރާންސްގެ މާކެޓަށް ޕްރޮމޯޓްކުރަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ލެޝާ އަދި މައިސް ފަދަ ސެގްމަންޓްތައް ދައްކުވައިދޭ މި ފެއާގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 21 ކުންފުންޏަކުން 35 މަންދޫބުން ބައިވެރިވެއެވެ.

އައިއެފްޓީއެމް ޓޮޕް ރެސާ 2024 ގައި ރާއްޖެއިން ބައިވެރިވަނީ: މަގްސަދަކީ ފްރާންސް މާކެޓަށް ރާއްޖެ ޕްރޮމޯޓްކުރުން -- ފޮޓޯ/ އެމްއެމްޕީއާރްސީ
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާއަކީ ފްރާންސްގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ފެއާއެވެ.
މި ފެއާގައި ރާއްޖޭގެ ސްޓޭންޑުން ލަގްޒަރީ ރިސޯޓުތަކާއި ރާއްޖޭގެ ކަނޑުގެ މުއްސަނދި ދިރުންތަކާއި ގުދުރަތީ ހިތްގައިމުކަމާއި ތަފާތު ތަޖުރިބާތައް ޕްރޮމޯޓްކުރާނެއެވެ. އަދި ދިވެހި ރަހަތަކާއި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ދައްކުވައިދޭ ޕްރޮމޯޝަނަލް ވީޑިއޯތައް ދައްކާނެއެވެ.
ހަމައެއާއެކު މި ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް އިންޓަރެކްޓިވް އެކްސްޕީރިއަންސް އިތުރުކުރުމަށް ސާވޭއެއްގައި ބައިވެރިވެގެން ބްރެނިއާ ކޮއްޓަފަރު، ޖޯއި އައިލެންޑް މޯލްޑިވްސް ބައި ދަ ކޮކޫން ކަލެކްޝަން އަދި ރޮބިންސަން ނޫނު މޯލްޑިވްސްއިން ސްޕޮންސާކޮށްގެން ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ރެފްލްތަކެއް ވެސް މި ދޭނެއެވެ.

އައިއެފްޓީއެމް ޓޮޕް ރެސާ 2024 ގައި ރާއްޖެއިން ބައިވެރިވަނީ: މަގްސަދަކީ ފްރާންސް މާކެޓަށް ރާއްޖެ ޕްރޮމޯޓްކުރުން -- ފޮޓޯ/ އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީން ބުނީ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ޕޮޓެންޝިއަލް އެޖެންޓުންނާއި ގުޅުން ބަދަހިކުރުމަށް ވެސް މި ފެއާގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، މާކެޓިން އެޖެންސީތަކާއި އަދި މީޑިއާތަކާއެކު ޝެޑިއުލް ބައްދަލުވުންތައް ބާއްވާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ފެއާގައި ހިމެނޭ ބީޓޫބީ ޕާޓްނަރުންނާއި އިވެންޓްގެ އެންމެ ފަހު ދުވަހު އާންމުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ސްޓޭންޑްގައި ސާވޭތައް ކުރިއަށް ގެންދިޔުމަށް ވެސް ހަމަޖެހިގައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އަދި ރާއްޖެއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި ފްރާންސް މާކެޓުގައި ރާއްޖޭގެ ސްޓްރެޓެޖިކް ޕޮޒިޝަން އިތުރަށް ހަރުދަނާ ކުރުމަށް ފްރާންސް ބަހުން އެކުލަވާލާފައިވާ ޕްރެސް ޕެކެއް ވެސް އެ ފެއާގައި ބަހަމުންގެންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދިނެވެ.
މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ފްރާންސަކީ ރާއްޖެއަށް އަށް ވަނައަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކުރާ މާކެޓެވެ. އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް އެ ގައުމުން 35،202 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ.