މިދިޔަ އަހަރު އެންމެ ގިނަ މީހުން ޑޮކްޓަރަށް ދެއްކީ އަންހެނުންގެ ބަލިތަކަށް

އައިޖީއެމްއެޗް ހޮސްޕިޓަލު: އެންމެ ގިނަ މީހުން މިދިޔަ އަހަރު ޑޮކްޓަރަށް ދެއްކީ އަންހެނުން ބަލިތަކަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު އެންމެ ގިނަ މީހުން ޑޮކްޓަރަށް ދެއްކީ އަންހެނުންނަށް ޖެހޭ ބަލިތަކާ ގުޅިގެން ކަމަށް ސިއްހީ ދާއިރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ޑޮކްޓަރަށް ދެއްކީ އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީ ނުވަތަ އަންހެނުންގެ ބަލިތަކާ ގުޅިގެންނެވެ.

އެ ފަދަ ބަލިތަކުގައި ޑޮކްޓަރަށް ދެއްކި މީހުންގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދި، އެއް އިންސައްތަ ފިރިހެނުން ވެސް ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދެއްކީ އެތެރެހަށީގެ ބަލިތަކާ ގުޅިގެންނެވެ. އެ ގޮތުން، އެ ފަދަ މައްސަލަތަކުގައި ފަރުވާ ހޯދި މީހުންގެ ވެސް 61 އިންސައްތައަކީ އަންހެނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިސްޓުގެ ތިންވަނައިގައި ވަނީ ކުޑަކުދިންގެ ޚާއްސަ ބަލިތަކާ ބެހޭ ދާއިރާ ކަމުގައިވާ ޕީޑިއެޓްރިކްސްއެވެ.

މީގެ އިތުރުން، ކާޑިއޮލޮޖީއަށް ދިޔަ މީހުންގެ ތެރެއިން 58 އިންސައްތައަކީ ފިރިހެނުންނަށްވާއިރު މިއީ ފިރިހެނުން ގިނަވި ހަމައެކަނި ދާއިރާއެވެ. ޕީޑިއެޓްރިކްސް، އޯތޮޕީޑިކްސް އަދި ޖެނެރަލް ސާޖަރީގައި ދެ ޖިންސުގެ ނިސްބަތް ވަނީ ގާތްގަނޑަކަށް އެއްވަރެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ޑޮކްޓަރަށް ދެއްކި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައެވެ.

އެ ގޮތުން، ޑެންޓިސްޓްރީގެ ހުރިހާ ދާއިރާއެއްގައި ވެސް ޑޮކްޓަރަށް ދެއްކި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައެވެ. އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީއަށް ދިޔަ މީހުންގެ ތެރެއިން 66 އިންސައްތައަކީ ވެސް އަންހެނުންނެވެ.

މިދިޔަ އަހަރު ޖުމުލަ 3،183،577 ފަހަރު މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

އޭގެ ތެރެއިން، 54 އިންސައްތަ ނުވަތަ 1,719,980 ޕޭޝެންޓުންނަކީ އަންހެނުންނެވެ. ފިރިހެނުންގެ ނިސްބަތަކީ 46 އިންސައްތައަށް ވާއިރު އެއީ، 1,463,597 ޕޭޝެންޓުންނެވެ.

ސިއްޙީ ދާއިރާގައި އަންހެނުންނާއި ކުޑަކުދިންގެ ސިއްހަތަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް