ޑްރެގަން ފްރުޓް ނުވަތަ ޕިޓާޔާއަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު އަދި ވަރަށް ގިނަ ބަޔަކު އެކި ވައްތަރުގެ ކެއުންތަކުގައި ބޭނުންކުރާ މޭވާއެކެވެ. ރާއްޖޭގައި ހައްދަން ވެސް ހައްދައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ.
މޭވާއެއްގެ ގޮތުގައި ކެއުމުގެ އިތުރުން ބައެއްކަހަލަ ޖޫސް ތައްޔާރުކުރުމަށާއި، ފޮނި ކެއުންތަކުގައި، ޚާއްސަކޮށް ހެނދުނުގެ ނާސްތާއަށް ތައްޔާރުކުރާ ޑައެޓް ކެއުންތަކުގައި މިއީ އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. މީގެ އިތުރުން، އެކި ހަފުލާތަކަށް ތައްޔާރުކުރާ ބައެއް ކޭކުތަކަކީ ވެސް ޑްރެގަން ފްރުޓް ބޭނުންކޮށްގެން ޑެކަރޭޓްކުރާ ކޭކުތަކެކެވެ.

ގިނަ ބަޔަކަށް މީރު މި މޭވާއަކީ ހަންގަނޑަށް ތާޒާކަމާއި އުޖާލާކަން ލިބި، އަވިން ފިހިފައިވާ ތަންތަން ފަސޭހަކޮށްދޭ މޭވާއެއް--ފޮޓޯ/ޕިންޓްރެސްޓް
ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބިދޭ މި މޭވާއަކީ ފައިބާ ގިނައިން ހިމެނޭ، ކާބޯހައިޑްރޭޓްސް މަދު އަދި މެގްނީޒިއަމް، ފޮސްފަރަސްގެ އިތުރުން ވިޓަމިން ސީ، އީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. ދުވާލު ބުރަކޮށް މަސައްކަތްކުރުމަށް ފަހު ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަމާއި ހާސްކަން ފިލުވާލަން ބޭނުންނަމަ ދުވަހުގެ ކެއުމުގައި ޑްރެގަން ފްރުޓް ހިމަނާލުން ވަރަށް މުހިއްމެވެ.

ޑްރެގަން ފްރުޓް ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ މޭވާ ސެލެޑެއް--ފޮޓޯ/ފޭސްބުކް
މީގެ އިތުރުން، މި މޭވާއިން ދާއިމީ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ކެންސަރު ބައްޔާއި ހަކުރު ބަލި އަދި އާތުރައިޓްސް ފަދަ ބަލިތަކުން ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ.
ކޮންމެ ދުވަހަކު ވެސް ކެއުމުގެ ފަހުން މޭވާއެއް ކެއުމަށް ބޭނުންވާ ފަރާތްތަކުން ނުވަތަ އެކަން އާދައަކަށް ހަދަން ބޭނުންވާ ނަމަ ޑްރެގަން ފްރުޓަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ބާވަތެކެވެ.