5ޖީ ނެޓްވޯކުން އާންމު ދިރިއުޅުމަށް ބޮޑު ލުޔެއް

އުރީދޫ މޯލްޑިވްސްއަށް 19 އަހަރުގެ ފުރުމުގެ މުނާސަބަތާ ގުޅުވައި، މިދިޔަ މަހު އެ ކުންފުނިން ވަނީ ރާއްޖޭގެ 60 އިންސައްތައަށް 5ޖީ ޚިދުމަތް ފުޅާކޮށްފައިވާކަން ހާމަކޮށްފައެވެ. މިފަހުން ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުން ކަމަށްވާ 5ޖީ ޚިދުމަތާއެކު ދިވެހީންގެ އާންމު ދިރިއުޅުމަށް ގިނަ ފައިދާތަކެއް ލިބޭނެކަމުގެ ޔަގީންކަން އުރީދޫއިން ދެއެވެ.

ދިވެހީންނަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އަހުލުވެރި ބަޔަކަށްވާއިރު، ވަޒީފާގެ މާހައުލުގައިއާއި އާންމު ދިރިއުޅުމުގައި ވެސް އިންޓަނެޓްގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. އޮފީސްތަކުން ޚިދުމަތްތައް ދިނުން ޑިޖިޓަލްކޮށްފައިވާއިރު، ދިވެހީން އެކި ރަށްރަށާއި ގައުމުތަކުގައި ވެސް ތިބި ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅުންތައް ދަމަހައްޓައެވެ. އިންޓަނެޓްގެ ބޭނުންތެރިކަން އިތުރުވެފައިވާއިރު، އިންޓަނެޓް ސްޕީޑް އަވަސްވުމަކީ އެންމެން ވެސް ބެނުންވާ ކަމެކެވެ.

އުރީދޫގެ 5ޖީގެ އެންމެ ބޮޑު އެއް ފައިދާއަކީ އިންޓަނެޓްގެ ސްޕީޑު ވަރަށް ބޮޑަށް އަވަސްވުމެވެ. މިހާރު އާންމުކޮށް ބޭނުންކުރާ 4ޖީއާ އަޅާބަލާއިރު، 5ޖީގެ ސްޕީޑު އެތައް ގުނައެއް އަވަހެވެ. މީގެ ސަބަބުން ވަޒީފާގެ މާހައުލުގައި ބޭނުންކުރާ ބޮޑު ފައިލްތައް އެކަކު އަނެކަކަށް ފޮނުވައި ޑައުންލޯޑް ކުރުން ފަސޭހަވާނެއެވެ. ހުސް ވަގުތުތަކުގައި ޔޫޓިއުބުން ނުވަތަ ނެޓްފްލިކްސްއިން ފިލްމާއި ސީރީސް ސްޓްރީމް ކުރުމުގައި ދިމާވާ ދަތިތައް މަދުވާނެއެވެ.

5ޖީއިން ލިބިދޭ އިތުރު އެއް ފައިދާއަކީ، އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ)ގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުމެވެ. ސްމާޓް ޓެކްނޮލޮޖީ މެދުވެރިކޮށް ތަފާތު ޑިވައިސްތައް ގުޅިފައިވާ ނެޓްވޯކް ކަމަށްވާ އައިއޯޓީއަށް 5ޖީން ލިބިދޭ އެންމެ ބޮޑު އެއް ފައިދާއަކީ އެއް ޑިވައިސާ ގުޅުވޭ ޑިވައިސްތަކުގެ އަދަދާއި، ކްލައުޑާ ގުޅުވޭ ޑިވައިސްތަކުގެ އަދަދު ވެސް އިތުރު ކުރެވުމެވެ. އައިއޯޓީ 5ޖީ ޓެކްނޮލޮޖީން މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެނެސްދޭ ކުރިއެރުންތަކުގެ ތެރޭގައި، އައިއޯޓީ ކަނެކްޓެޑް ޑިވައިސްތައް ކަމަށްވާ ސްމާޓް ޓީވީ އާއި ގޭމިން ކޮންސޯލްތަކުން ލިބޭ ތަޖުރިބާ ރަނގަޅު ކޮށްދިނުން ހިމެނެއެވެ. މިސާލަކަށް، އޭއާރު އަދި ވީއާރު ތަޖުރިބާ ކުރިއަށްވުރެ ހައި-ޑެފިނިޝަންގައި ގެނެސްދީ، ވާޗުއަލް މާހައުލު އަސްލު ކަމަށް ދައްކާ މިންވަރު އިތުރުކޮށްދޭނެއެވެ.

މި ނެޓްވޯކުން ސަބަބުން ވިޔަފާރިތަކަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެއެވެ. ދިވެހި ވިޔަފާރިވެރިން، ދުރުގައާއި ކައިރީގައި ދިރިއުޅޭ ކަސްޓަމަރުންނާ ކުރާ މުވާސަލާތު އިތުރަށް ހަރުދަނާވެ، އުފެއްދުންތެރިކަން އިތުރުވާނެއެވެ. އަދި އައު ވިޔަފާރިތަކާއި ޚިދުމަތްތައް ތަޢާރަފުކުރުމުގެ ފުރުސަތު އިތުރުވެ، ވިޔަފާރި ކުރާ މީހުންނާ އޮންނަ ގުޅުން ވަރުގަދަ ކުރެވޭނެއެވެ.

ރާއްޖޭގައި އައިއޯޓީ ކަނެކްޓިވިޓީ އިތުރުކުރުމަށް އުރީދޫއިން ކުރާ މަސައްކަތްތަކުގެ ތެރެއިން 5ޖީ ނެޓްވޯކް މާލެ ސަރަހައްދަށް ތައާރަފު ކުރީ 2019ގައެވެ. އެ ނެޓްވޯކާއެކު، އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް 5ޖީގެ ހަލުވި ސްޕީޑުގެ ބޭނުން ހިފުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ފަހިކޮށްދީފައެވެ.

އުރީދޫގެ 5ޖީ ނެޓްވޯކް މިހާރު ގްރޭޓާ މާލޭ ސަރަހައްދުގެ އިތުރަށް 22 ރަށަކަށް ލިބޭއިރު، ރާއްޖެ 5ޖީއިން ގުޅާލުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން ތިން ވަނަ ފިޔަވަހި ނިމޭއިރު ގައުމުގެ 100 އިންސައްތަ ކަވަރު ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް