އިސްލާމީ ޔުނިވާސިޓީން މި އަހަރަށް ދެ ޕީއެޗްޑީ ކޯހެއް އިއުލާންކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ: މި އަހަރުގެ ދެވަނަ ސެމެސްޓާއަށް ޕީއެޗްޑީ ދެ ކޯހެއް ވަނީ އިއުލާންކޮށްފައި --

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން މި އަހަރުގެ ދެވަނަ ސެމިސްޓާގައި ފެށުމަށް ހަމަޖެހިފައިވާ ދެ ޕީއެޗްޑީ ކޯހެއް އިއުލާންކޮށްފިއެވެ.

އައިޔޫއެމްއިން ކުރި އިއުލާނެއްގައިވަނީ މި އަހަރުގެ ދެވަނަ ސެމިސްޓާގައި ފެށުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތަކާއި، އެ ކޯސްތަކަށް ބޭނުންވާ ތައުލީމީ މިންގަނޑުގެ ތަފުސީލު ހާމަކޮށްފައެވެ.

ދެވަނަ ސެމިސްޓާގައި ހިންގާ އައިޔޫއެމްގެ ޕީއެޗްޑީ ކޯސްތައް:

  • ޑޮކްޓާ އޮފް ފިލޯސޮފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު
  • ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ

މި ދެ ކޯސް ވެސް ދިވެހިބަހުން ކުރިޔަށް ގެންދާއިރު، މިއީ ހަ ސެމިސްޓާގެ މައްޗަށް އެކުލެވޭ ތިން އަހަރުގެ ދެ ކޯހެވެ. އަދި މި ކޯސްތަތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް 10ގެ ކޯސްތަކެކެވެ. މި ދެ ކޯހަށް ބޭނުންވާ ތައުލީމީ މިންގަނޑުގެ ތެރޭގައި ހިމެނެނީ:

  • އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ނުވައެއްގެ ސެޓްފިކެޓެއް، ޝަރީޢާ/ ޝަރީޢާ އެންޑް ލޯ/ އިސްލާމިކް ސްޓަޑީޒް/ ޖުޑީޝަލް ސައިންސަސް/ ފިޤުހު/ އުސޫލުލް ފިޤުހު/ އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން
  • ޝަހާދާ ޘާނަވިއްޔާއިން (ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން) ފާސްވެފައިވުން ނުވަތަ އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ހަތަރެއްގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން ނުވަަތަ އައިޔޫއެމް އިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން
  • މި ޝަރުތުތައް ފުރިހަމަވުމާ އެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރު، އައިޔޫއެމްއިން ދީފައިވާ ނަމޫނާގައިވާ ގޮތަށް ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަވިއުއަކުން ފާސްވުން

ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ އަރަބި ބަހުން ކިޔަވާފައިވާ ސަނަދުތަކެއްނަމަ ޢަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުނެއެެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިމަހުގެ 26ގެ 13:00ގެ ކުރިން އައިޔޫއެމްގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވާސިޓީގެ ރިސެޕްޝަނުންނާއި، ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައިވެއެވެ. އެ ގޮތުން ފޯމު ދޫކުރުމާއި ބަލައިގަތުން، ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ކުރިޔަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ، ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް admissions.ium.edu.mv މެދުވެރިކޮށް ފޯމު ހުށަހެޅުމަށާއި، އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުނެއެވެ.

comment ކޮމެންޓް