ޕިންކް ސޯލްޓް: ކަމުދަނީ ކީއްވެ؟

ޕިންކް ސޯލްޓް: ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުކޮށް ލިބެން ހުންނަ އުފެއްދުމެއް--ފޮޓޯ/ފުޑްފުޑް

ލޮނަކީ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ކެއުމުގެ ރަހަތަކަށް އިތުރު ފުރިހަމަކަމެއް ގެންނަން ބޭނުންކުރާ އެންމެ މުހިއްމު އެއް ބާވަތެވެ.

މީގެކުރިން އާއްމުކޮށް ދިވެހިން ބޭނުންކުރަމުން އައީ ހަމައެކަނި ހުދުކުލައިގެ ވިއްކަން ހުންނަ އާދައިގެ ލޮނުކަމަށް ވިޔަސް 'ޕިންކް ހިމަލާޔަން ސޯލްޓް' ބާޒާރުން ލިބެން ފެށުމާއެކު ގިނަ ބަޔަކު ވަނީ އެ ބޭނުންކުރަން ފަށައިފައެވެ.

މި ދެ ބާވަތް ވެސް ބާޒާރުން ފަސޭހަކަމާއެކު ލިބެން ހުރިއިރު ވިއްކާ އަގުގައި ބޮޑު ތަފާތެއް ހުރިކަން ފާހަގަކޮށްލެވެއެވެ. ބާޒާރަށް ނެރުމުގެ ކުރިން ނުވަތަ ގޭގެ މޭޒުދޮށާ ހަމައަށް ލޮނު ޕެކެޓެއް ފޯރުމުގެ ކުރިން އެ ނެރެނީ ވަރަށް ގިނަ ރީފައިނިންގް ޕްރޮސެސްތަކެއް ނިންމުމަށްފަހުގައެވެ.

އާއްމުގޮތެއްގައި ބޮޑެތިކޮށް ހުންނަ ކޮށާރު ސޯލްޓް ބޭނުންކުރަނީ އެކި ވައްތަރުގެ މަސް މެރިނޭޓް ކުރުމަށް--ފޮޓޯ/ސަންބާސްކެޓް

ނިއުޓްރީޝަނިސްޓުން އިރުޝާދު ދޭ ގޮތުގައި ހަށިގަނޑަށް ބޭނުންވާ މިނެރަލްސް އެންމެ ރަނގަޅު ގޮތުގައި ހޯދަން ބޭނުންނަމަ ރަނގަޅަށް އައޮޑައިސްޑް ކުރެވިފައިވާ ލޮނު ބޭނުންކުރުން މުހިއްމެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ހަށިގަނޑަށް ބޭނުންވާ އަޔޮޑިން އެންމެ ރަނގަޅު ގޮތުގައި ލިބިދިނުމެވެ.

'ޕިންކް ސޯލްޓް'ގެ ނަމުން މަޝްހޫރުވެފައިވާ މަޑު ފިޔާތޮށި ކުލައިގެ ލޮނަކީ ގުދުރަތީ ކުލައެއް ލިބި ހިމާލިޔަން ރީޖަންގެ ޕާކިސްތާނާ ވީ ފަޅީގައި ތައްޔާރުކޮށް މައިންކުރެވޭ ލޮނެކެވެ.

ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ދެ ވައްތަރުގެ ލޮނަކީ ވެސް މާގިނައިން ބޭނުންކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާނެ އެއްޗެއް --ފޮޓޯ/ޕިންޓްރެސްޓް

ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ އަގުބޮޑު ލޮނުގެ ގޮތުގައި ފާހަގަކޮށްލެވޭ މި ލޮނު ބޮޑު އަގުގައި ވިޔަސް ގަނެގެން ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ޕިންކް ސޯލްޓާ އާދައިގެ ލޮނާ ހުރި ތަފާތުތަކަށް ބަލާއިރު މިއީ ބިމުގެ އެތައް ފޫޓެއް އަޑިން ނަގާ ލޮނެކެވެ.

ނަމަވެސް އާއްމުކޮށް ކެއުންތަކުގައި ބޭނުންކުރާ ހުދު ލޮނަކީ މޫދު އަޑިން ނަގާ ލޮނެވެ. ނުވަތަ ލޮނު ފެނުން ތައްޔާރުކުރާ ލޮނެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޕިންކް ސޯލްޓް ލިބެން ހުރިއިރު އެންމެ ގިނަ އަދަދަކަށް މި ލޮނު ލިބެން ހުރީ ޕާކިސްތާނުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް