އޭނާއަށް މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާންޖެހުނެވެ. އެއީ އޭނާ ހުންނަ ގޮތުގެ ސަބަބުންނެވެ. ނަމަވެސް އެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލީ ހިތްވަރާއެކުއެވެ. އާދައިގެ އެހެން މީހުންނެކޭ އެއްފަދައިން އޭނާއަކީ މިއަދު ދިރިއުޅުމުގައި ކާމިޔާބު މީހެކެވެ.
އުފެދުމުގައި ވެސް އޭނާއަކީ ޑްވާފިޒަމް ހުރި މީހެކެވެ. އޭގެ ސަބަބުން އޭނާ ހުންނަނީ އުމުރަށް ވުރެ އިސްކޮޅުން ކުރުކޮށެވެ. ކުޑަ ކުއްޖެއްގެ އިސްކޮޅުގައެވެ.
ކިޔައިދެން މިއުޅެނީ ބ. ދަރަވަންދޫއަށް އުފަން އުމުރުން 35 އަހަރުގެ އަހުމަދު ސާލިމްގެ ވާހަކައެވެ. ސާލިމްއަކީ ދެމަފިރިއަކަށް ލިބުނު ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިއެވެ.
"އަޅުގަނޑަކީ އުފެދުމުގައި ވެސް ވަރަށް ތަފާތު މީހެއް. އުމުރުގެ ކުރީކޮޅު މީހުންގެ ފަރާތުން ނޭދެވޭ ބަސްތަކާ އެކަހަލަ ކަންތައްތައް ލިބެމުންއައި. ދެން ފަހުން އަޅުގަނޑު މަސައްކަތުގެ މާހައުލަށް ނިކުމެ، ކަންތައްތައް ކޮށް އުޅެން ފެށީމަ މިހާރު ހުރިހާ އެންމެން ވެސް އަޅުގަނޑު ވަރަށް ބަލައިގަނޭ،" އެސްއެސްޓީވީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސާލިމް އޭނާގެ ހަޔާތުގެ ވާހަކަ ހިއްސާކުރިއެވެ.
އޭނާ މަސައްކަތްކުރަނީ ދަރަވަންދޫގައި ހުރި އެންމެ ބޮޑު ގެސްޓްހައުސް، ކިހާ ބީޗުގައެވެ. ކޮންމެ ދުވަހަކުވެސް އެ ގެސްޓުހައުސްގައި ތިބުމަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއެކު ވަގުތު ހޭދަކޮށް އެ މީހުންގެ ޗުއްޓީ ފުރިހަމަކޮށްދިނުމަށްޓަކައި ސާލިމްގެ ވަގުތުތައް ހޭދަކުރެއެވެ. އޭނާ ބުނާ ގޮތުން ނަމަ ގެސްޓުންގެ ފަރާތުން އޭނާއަށް ލިބޭ ރިވިއުތަކަކީ އޭނާ އެންމެ ހިތްހަމަޖެހޭ އެއް ކަމެވެ.
"ގެސްޓް ރިލޭޝަންގައި މަސައްކަތްކުރާއިރު ގެސްޓުން އަންނައިރު އެންމެ ފުރަތަމަ ވެސް ދިމާވާނީ އަޅުގަނޑާ. އޯވަރޯލްކޮށް ގެސްޓުންގެ ކަންތައްތައް އަޅުގަނޑު ވަރަށް ގާތުން ބަލަން. ކޮންމެ ގަޑިއެއްގަ ވެސް އަޅުގަނޑު ހުންނަން ގެސްޓުން ކައިރީގަ. ގެސްޓުން ނިދަންދެން އަޅުގަނޑު އުޅެން ގެސްޓުން ކައިރީގަ،" މި ވާހަކައިން އޭނާ ކުރާ މަސައްކަތާމެދު އޭނާގެ ހިތުގައި އޮތް ލޯބި ވަރަށް ރަނގަޅަށް ހާމަވެއެވެ.
ކިހާ ބީޗުގެ ފައުންޑޭޝަން އެޅިއިރުން ފެށިގެން އެތަނުގައި މަސައްކަތްކުރާ ސާލިމް، އަށް އަހަރު ދުވަހު އެތަނުގައި މަސައްކަތްކޮށްފިއެވެ. އަދިވެސް އޭނާ ހުރީ އެތަނުގައި މަސައްކަތްކުރުމުގެ އަޒުމުގައެވެ.
ސާލިމް ކިޔައިދިން ގޮތުގައި އޭނާއަށް އެންމެ އެހީތެރިވާ، އެންމެ އިތުބާރުކުރާ މީހާއަކީ އޭނާ މަސައްކަތްކުރާ ތަނުގެ ވެރިޔާ ކަމަށްވާ ނަވާލްއެވެ. ރަށަށް އައި ބީރައްޓެއްސެއް ނަމަވެސް ނަވާލް އޭނާއާ ދޭތެރޭ ކަންތައް ކުރީ ބައްޕައެއްހާ ރަނގަޅަށް ކަމަށް ސާލިމް ބުނީ އަސަރާއެކުއެވެ.
"މިތަނުގެ މެނޭޖްމަންޓް އަޅުގަނޑަށް ވަރަށް ރަނގަޅު. އިތުބާރުވެސްކުރޭ. އަޅުގަނޑު މިއުޅެނީ އުޅޭހިތުން. ބަލިދުވަހާ ހަމައަށް ވެސް އަޅުގަނޑު ހުންނާނީ މިތާ ނަވާލް ކައިރީ،" ކަރުނަތައް ފޮހެލާފައި ސާލިމް ބުންޏެވެ.
އަދާކުރާ ވަޒީފާގެ އިތުރުން، ހުސްވަގުތެއް ލިބިއްޖެއްޔާ ސާލިމް ދަނީ މަހަށެވެ. އެއީ އޭނާ އެންމެ ކުރާހިތުން ކުރާ އެއް ކަމެވެ. ގެސްޓުން މަދު ދުވަސްކޮޅެއްގައި އޭނާ އެންމެ ގިނައިން ދަނީ މަހަށެވެ.
"ވަރަށް މަހަށް ދާހިތްވޭ. ފަރުމަހަށް ނޫނީ ދޮށި އުކަން. މަސްވެރިކަމުގައި އާންމުކޮށް އުޅެނީ އަޅުގަނޑު. އެހެން ގޮސް އުޅޭއިރު އަޅުގަނޑު އިސްކޮޅަށް ވުރެ ބޮޑެތި މަސް ބޭނިފަ ހުންނާނެ،" ހީލަމުން ސާލިމް ބުންޏެވެ.
ސާލިމް ބުނި ގޮތުގައި މިހާ ހިސާބަށް އައިއިރު އޭނާއަކީ އެންމެންވެސް ބަލައިގަންނަ މީހެކެވެ. ރަށް ދެކެ އިންތިހާއަށް ލޯބިވާ ސާލިމްއަކީ ރަށުގެ އިޖުތިމާއީ ކަންތައްތަކުގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. ޚާއްސަކޮށް ދަރަވަންދޫގެ އީދުގެ ކުޅިވަރުތަކުގައި ސާލިމްގެ ދައުރު ބޮޑެވެ.
"ގާތްގަނޑަކަށް ބުނާނަމަ ރަށުގެ ހުރިހާ ރައްޔިތުން ވެސް އަޅުގަނޑު ބަލައިގަނޭ. ކަމެއް ޖެހުނަސް އަޅުގަނޑަށް ގުޅާ ހަދާނެ. ކޮށްދެން ކަންކަން. ކުރިއަށް އޮތްތަނުގައި ވެސް ކޮށްދޭނަން. ދަރަވަންދޫ ރައްޔިތުން އަޅުގަނޑުދެކެ ވަރަށް ލޯބިވޭ. އަޅުގަނޑުވެސް ދަރަވަންދޫ ރައްޔިތުން ދެކެ ލޯބިވޭ،" ސާލިމް ބަންޑުންކޮށްލީ އޭނާގެ ހިތުގައި އުފަން ފަސްގަނޑާ ދޭތެރޭ އޮތް ލޯތްބެވެ.
ފަތުވެރިންނާއެކު އުޅޭއިރުވެސް އޭނާގެ އެންމެ ބޮޑު އަމާޒަކީ، ދަރަވަންދޫ މުޅި ދުނިޔެއަށް އިޝްތިހާރުކުރުމެވެ.
ސާލިމްގެ ވާހަކައަކީ ކޮންމެ މީހަކަށް ވެސް އިބުރަތެކެވެ. ސާލިމްގެ ނަސޭހަތަކީ މާޔޫސްވުމެއް ނެތި، ދިރިއުޅުމުގައި ހިތްވަރާއެކު ކުރިއަށްދިޔުމެވެ. އޭނާ ބުނާ ގޮތުގައި މީހާ ހުންނަ ސިފައަކުން ދިރިއުޅުމުގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.
މީހުން ބަލައިގަންނަ ކާމިޔާބު މީހަކަށް ވުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަކީ އެންމެ މުހިންމު އެއް ކަމެވެ.
"ދިރުއުޅުމަކީ ހަނގުރާމައެއް ނޫން. އެއީ ހިތްގައިމުކަމެއް. އަރަން ޖެހުނު ކޮންމެ ތަނަކަށް އަރާނަން. ފަތަން ޖެހުނު ކޮންމެ ތަނެއްގައި ފަތާނަން. އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑަށް ނުކުރެވޭނެ ކަމެއް ނޯންނާނެ،"
އެހެން ޒުވާނުންނެކޭ އެއްގޮތަށް ސާލިމް ވެސް ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވެއެވެ. އޭނާގެ ދިރިއުޅުމުގައި ހަމައެކަނި އުނިވާ ކަމަކީ އެއީއެވެ. ހިތްވަރާއެކު ސާލިމް ދޭ ޖަވާބަކީ އަނތްބަކު ގެންގުޅުމުގެ ގާބިލްކަން އޭނާގެ ހުރި ކަމެވެ.
ސާލިމް އެންމެ ބޭނުންވަނީ މިހާރު ވެސް އެކުރާ މަސައްކަތުގައި ދެމި ހުންނާށެވެ. ފަތުރުވެރިންނަށް އުފާވެރި ޗުއްޓީއެއް ހޭދަ ކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒެވެ. ދިވެއްސެއް، ބޭރު މީހެއް ނެތި އެންމެންނަށް އޭނާ މަރުހަބާ ކިޔައެވެ.
"ކިހާ ބީޗަށް އަންނަ އެއްވެސް މީހަކަށް އަޅުގަނޑާ ބައްދަލުނުވެއެއް ނުދާނެ، ދަރަވަންދޫއަށް އަޔަސް އަޅުގަނޑާ ބައްދަލުވާނެ. އަޅުގަނޑަކީ ތިބޭފުޅުންގެ ސާލިމް!"