މުރަނގަތޮޅި: ފައިދާތަކުން ފުރިގެންވާ ތަރުކާރީގެ ބާވަތެއް

ކެއްކުމަށް ބޭނުންކޮށްލަން ކޮށާލާފައިވާ މުރަނގަތޮޅިތަކެއް--ފޮޓޯ/ޕިންޓްރެސްޓް

އަޅުގަޑުމެންގެ ކެއުމުގައި ހިމަނާލާ ކޮންމެ ބާވަތެއްގެ ތަރުކާރީއަކީވެސް ގިނަ ސިއްހީ ފައިދާތަކުން ފުރިފައިވާ ބާވަތްތަކެކެވެ. ނަމަވެސް މިއިން ކޮންމެ ބާވަތަކީ ވެސް އޭގައި އެކުލެވޭ މާއްދާތައް އެ ބާވަތެއްގައި ހިމެނޭ މިންވަރު އެކި ވަރަށް ހުންނަ ބާވަތްތަކެކެވެ.

ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން ވެސް ފަސޭހައިން ލިބެން ހުންނަ އެއް ބާވަތަކީ މުރަނގަތޮޅިއެވެ. މިއީ ބާޒާރުން ވެސް ފަސޭހައިން ގަންނަން ލިބެން ހުރި ބާވަތަކަށް ވާއިރު ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުން ވެސް އާއްމުކޮށް ލިބެން ހުރެއެވެ. ރާއްޖޭގެ އިތުރުން އޭޝިއާގެ ބައެއް ޤައުމުތަކުގެ އިތުރުން އަވަށްޓެރި އިންޑިއާގައި ވެސް މުރަނގަތޮޅި ކެއުމުގައި ބޭނުންކުރާތާ މިހާރު 100އަށް ވުރެ ގިނަ އަހަރު ވެދާނެއެވެ.

މުރަނގަތޮޅީގައި ހިމެނޭ ފައިދާތަކަށް ބަލައިލާއިރު މިއީ ވިޓަމިން ސީގެ މާއްދާ ވަރަށް ބޮޑަށް އެކުލެވޭ ބާވަތެކެވެ. ވިޓަމިންސީ މާއްދާ އެކުލެވޭ މިންވަރު މަތިވުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު އެކި ކަހަލަ ބަލިތައް ފަތުރާ ޖަރާސީމުތަކުން ހަށިގަނޑު ދިފާއުކޮށް ދިނުމުގައި އެހީތެރިވެދެއެވެ.

މުރަނގަތޮޅި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ހަމައެއާއެކު މުރަނގަތޮޅި އަކީ އެންޓި ބެކްޓީރިއަލް މާއްދާ ވެސް މަތީ މިންވަރަކަށް އެކުލެވޭ ތަރުކާރީއެކެވެ. މީގެ ސަބަބުން އާންމުކޮށް ފެތުރޭ ހުން އަދި އަރިދަފުސް ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ. އާދަވެގެން ކެއުމުގައި މުރަނގަތޮޅި ހިމަނާނަމަ ކެލްސިއަމް، ފައިބާ، ޕްރޮޓީން، މެގްނީސިއަމް، ޕޮޓޭސިއަމް އަދި އަޔަން ފަދަ ހަށިގަނޑަށް ބޭނުންވާ މުހިއްމު ނިއުޓްރިއެންޓްސް މާއްދާތައް ލިބުމަށް އެހީތެރިވެދޭނެއެވެ.

ހަމައެއާއެކު މިއީ ހަކުރު ބަލި ހުންނަ މީހުންގެ ކެއުމުގައި ވެސް ހިމަނާލަން ވަރަށް ރަނގަޅު ތަރުކާރީގެ ބާވަތެކެވެ. މުރަނގަތޮޅީގައި ހިމެނޭ ކެލްސިއަމް މާއްދާގެ ސަބަބުން ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދީ އަވަހަށް ކަށި ފީވުމުން ސަލާމަތްކޮށްދެއެވެ.

އާއްމުގޮތެއްގައި ދިވެހިންގެތެރޭ މުރަނގަތޮޅި މަޝްހޫރު ވެފައި ވަނީ ކިރުގަރުދިޔަ ކެއްކުމަށް ބޭނުންކުރާ ތަރުކާރީއެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއީ މުގުރިހަ ފަދަ ތަފާތު އެކި ކަހަލަ ރިހަ، ސޫޕް، އަދި ސެލެޑުތަކަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. މީގެއިތުރުން ނާސްތާއަށް ދިވެހިން އާއްމުކޮށް ބޭނުންކުރާ މަސްހުނި ވެސް މުރަނގަތޮޅި އަޅައިގެން ތައްޔާރުކޮށްލެވިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު