ޓޫރިޒަމް މިނިސްޓްރީން ވ. އަތޮޅުގެ ފަޅެއް ކުޑަ އަގެއްގައި ކުއްޔަށް ދޫކުރަން އުޅޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވ. އަތޮޅު ކައުންސިލުން މައްސަލައެއް ހުށަހަޅައިފިއެވެ.
އެ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސޮއިކުރައްވައި އޭސީސީއަށް ހުށަހަޅައިފައިވާ މައްސަލައިގައި ވަނީ އެ އަތޮޅުގެ ދެ ފަޅެއްގެ ސަރަހައްދު ކަނޑައަޅައިފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ފާހަގަވާ ކަމަށެވެ.
އެގޮތުން ކުއްޔަށް ދޫކުރަން އިއުލާނުކޮށްފައިވާ ދެ ފަޅުކަމަށްވާ LD1366 އާއި LD1367 ގެ ސަރަަހައްދު ކަނޑައަޅައިފައިވަނީ ގެއްލުންވާ ގޮތަށްކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން LD1366 ފަޅަކީ 195 ހެކްޓަރު ބޮޑު ފަޅަކަށްވާއިރު، އެ ފަޅަކީ އެކި މޫސުމަށް ގިރައި ބޮޑުވާ ފިނޮޅެއް އޮތް ފަޅެއްކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ފަޅުގެ ސާފޭސް ސަރަހައްދަށް ނުބަލައި، މޫސުމަށް ގިރައި ބޮޑުވާ 0.62 ހެކްޓަރުގެ ފޮނޮޅަކީ ބިމެއްގެ ގޮތުގައި ކަނޑައަޅައި އިއުލާންކުރުން ވަނީ މައްސަލައެއްކަމަށް ފާހަގަކޮށްފައެެވެ.
އަދި އެއީ ފަޅުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބެން އޮންނަ ފުރިހަމަ އަދަދު ދައުލަތަށް ނުލިބޭނެ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން LD1367 އަކީ 158 ހެކްޓަރުގެ ފަޅެއްކަމަށާއި އެއީ ވެސް މެދު ދިޔައިގައާއި ބޮޑު ދިޔައިގައި އެއްކޮށް ގިރައިލާ ފިނޮޅެއް އޮތް ފަޅެއްކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އެ ފަޅުގައި ވެސް ސާފޭސް ސަރަހައްދަށް ނުބަލައި ގިރައި ބޮޑުވާ ފިނޮޅުގެ 0.14 ހެކްޓަރު ބިމުގެ ގޮތުގައި ބެލުމަކީ ވެސް ފަޅުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބެން އޮންނަ ފުރިހަމަ އަދަދު ދައުލަތަށް ނުލިބޭނެ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިއީ ވަކި ފަރާތަކަށް ކުޑަ އަގެއްގައި ބޮޑު ފަޅެއް ހޯދައިދޭން ކުރާ ކަމެއްގެ ގޮތުގައި ވުމަށް މަގުފަހިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު އެ ކައުންސިލުން ވަނީ މި މައްސަލަ ބަލައި ނިމެންދެން އެ ދެ ފަޅާ ގުޅޭ މުއާމަލާތްތައް ކުރިއަށް ނުގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީއަށާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެދިފައެވެ.