އެކި ގައުމުތަކަށް ޑުރަގު ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގެންފި

ޑުރަގުގެ މައްސަލައިގައި ތުހުމަތު ކުރެވޭ: އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ އެކި ގައުމުތަކަށް ޑުރަގު ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހުންކަން އެނގުނު ކަމަށް ފުލުހުން ބުނި --

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ މެލޭޝިއާގެ ދެ މީހަކު ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑްރަގް އެންފޯސްމެންޓް ޔުނިޓުގައި އިސްކޮށް ހުންނަވާ ސުޕްރިންޓެންޑެންޓް ނާހިދު ހުސައިން ވިދާޅުވީ، އެ ދެ މީހުން އަތުލައިގަތީ، ޖުލައި 27 ވަނަ ދުވަހު މެލޭޝިއާއިން އައި އެމިރޭޓްސް ފްލައިޓެއްގައި އިން މެލޭޝިއާގެ މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން ކުރިއަށްގެންދިޔަ ތަހުގީގެއްގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދުވަހު 7:40ގައި ޖެއްސި އެ ފުލަޓުގައި ހުރި އެން ޖީ ތަމް ލިޕް، 44އ،ގެ ލަގެޖުން ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ކަސްޓަމްސްއިން ލަގެޖު ބެލި ކަމަށާއި، އޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވުނު ކަމަށެވެ. އެއާއެކު ކަސްޓަމްސްއިން ފުލުހުންނާ މައުލޫމާތު ހިއްސާކުރުމުން، ފުލުހުން ހަރަކާތްތެރިވި ކަމަށް ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސްތުވާތަކެއްޗާއެކު ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ފުލުހުން ކުރިއަށް ގެންދިޔަ ކަމަށާއި އެ އޮޕަރޭޝަނުން ފާހަގަ ކުރެއްވުނީ ވީޗެޓް ގުރޫޕެއް މެދުވެރިކޮށް މުވާސަލާތު ކުރަމުން ގެންދިޔަ ކަމަށެވެ. އަދި އިތުރު މީހަކު މަސްތުވާތަކެތި ބަލާ އަންނާނެ ކަން ވެސް އޮޕަރޭޝަނުން ހާމަވި ކަމަށް ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސްތުވާތަކެއްޗާ ހަވާލުވާން އައީ މެލޭޝިއާއަށް ނިސްބަތްވާ ކޯ ޚުއާން ބޫން، 41އ، ކަމަށެވެ. އޭނާ ރާއްޖެ އައީ އެން ޖީ ތަމް ލިޕް ރާއްޖެ އައުމުގެ އެއް ދުވަސް ކުރިން ކަމަށާއި ދެ މީހުން ރިޒަވޭޝަން ހައްދާފައި ވަނީ އެއް ހޮޓަލެއްގައި ކަމަށް ނާހިދު ހާމަކުރެއްވިއެވެ.

"ދެން އަޅުގަނޑުމެންގެ ތަހުގީގުން މި ކޭސްގައި މަސްތުވާތަކެތީގެ ބަރުދަނުގައި 13.5 ކިލޯގެ ކެނަބިސް ހުރިކަން ފާހަގަކޮށްލަން، މި މައްސަލައިގައި ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި ދެ މީހުންނަކީ ވެސް ޚާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ބަޔެއްކަން،" އޭނާ ވިދާޅުވިއެވެ.

"އެގޮތުން މި މަސްތުވާތަކެއްޗަކީ ވެސް ޔޫކޭއަށް ގެންދަން މި މީހުން ރާވާފައިވާ މަސްތުވާތަކެތިކަން ފާހަގަކުރެވުނު."

ނާހިދު ވިދާޅުވީ އެ ނެޓްވޯކްގައި ހިމެނޭ މީހުންގެ މުއާމަލާތްތަކުން އެއީ ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ހިންގާ ނެޓްވޯކެއް ކަމާއި، ރާއްޖެއަށް ގެނައި މަސްތުވާތަކެއްޗަކީ ވެސް ޕެކިން ބަދަލުކޮށްގެން ގެންދަން ރާވާފައިވާ ތަކެތިކަން އެނގުނު ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންގެ ގައުމުތަކާ ވާހަކަދައްކައިގެން، އިންޓަޕޯލްއާ ވެސް ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ނާޙިދު ވިދާޅުވީ އެ މައްސަލައިގައި ދިވެއްސަކު ބައިވެރިވާ ކަމަށް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި މެލޭޝިޔާ އެއާލައިންސް ފްލައިޓަކުން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި ވެސް މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް މީގެ ކުރިން ކަސްޓަމްސްއިން ބުނެފައިވެއެވެ.

https://sun.mv/196858

ކަސްޓަމްސްއިން ބުނެފައިވަނީ އެ ފަސިންޖަރުގެ އިތުރުން ހަމަ އެ ދުވަހު ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓަކުން 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

comment ކޮމެންޓް