ދިވެއްސަކު ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓަކާއި، ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިޔާ އެއާލައިންސް ފްލައިޓަކުން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ތިން ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތި:

  • އެއާ ކާގޯއިން: 3،010 ގްރާމުގެ ހެރޮއިން
  • މެލޭޝިޔާ އެއާލައިންސްގެ ފްލައިޓަކުން: 48 ގްރާމުގެ ހެރޮއިން، 315 ގްރާމުގެ މެތަމްފެޓަމިން (މެތު) އަދި 215 ގްރާމުގެ ސިންތެޓިކް ކެތިނޯން

މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.588 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ އިދާރާއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންގެ ޚިދުމަތާ މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1،160 މައްސަލައެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވެއެވެ.

comment ކޮމެންޓް