އިސްލާމީ ފޮތްތައް ތަރުޖަމާ ކުރަން ދެ މިލިއަން ރުފިޔާގެ މަޝްރޫއެއް

ފޮތް މައުރަޒެއްގެ ތެރެއިން: އިސްލާމީ ފޮތްތައް ތަރުޖަމާ ކުރަން ދެ މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފައިވާ ކަަމަށް ޝަހީމް ވިދާޅުވި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ ފޮތްތައް ތަރުޖަމާކުރަން ދެ މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، ތަފާތު ދާއިރާތަކަށް ލިޔެފައިވާ ދިވެހި، އިސްލާމީ އިލްމީ ފޮތްތައް މަދު ކަމަށެވެ. އެގޮތުން، ވަރަށް ފަހަކާ ޖެހެންދެން ނޫނީ އާންމުކޮށް ދިވެހިންނަށް ލިބެން ހުންނަނީ އިބާދާތުގެ ހުކުމްތަކާ ގުޅޭ އިސްލާމީ އިލްމީ ފޮތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ބޮޑުތަރުތީބުން ވިޔަސް، ތަޢުލީމުއްދިޔާނާއިން ވިޔަސް، މި ހުރީ ރަނގަޅު ފޮތްތައް ހަމަ، އެކަމަކު އާންމު ގޮތެއްގައި މި އޮންނަނީ ތައުހީދު ފޮތްތައް، ނަމާދު ފޮތްތައް، ޒަކާތު ފޮތްތައް، އެކަމަކު އަޅުގަނޑުމެން މުސްލިމުން ކަމަށްވާއިރުގައި އަޅުގަނޑުމެންގެ އިޖުތިމާއީ އިގުތިސާދީ، ޤަޟާއީ، މިހެން ގޮސް ސިޔާސީ މި ހުރިހާ ނިޒާމަކާ ގުޅޭ އިސްލާމީ އިލްމު އެބަހުރި،" ޝަހީމް ވިދާޅުވިއެވެ.

އެފަދަ ގިނަ ދާއިރާތަކާ ގުޅޭ އިސްލާމީ އިލްމުގެ ފޮތްތައް ދިވެހިބަހުން ލިބެން ހުރީ މަދުން ކަމުން، ފޮތްތައް ތަރުޖަމާކުރަން ދެ މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަރުޖަމާ ކުރަން ނިންމައިފައިވާ ފޮތްތަކެއް: އިސްލާމީ ފޮތްތައް ތަރުޖަމާ ކުރަން ދެ މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފައިވާ ކަަމަށް ޝަހީމް ވިދާޅުވި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެހެންވެ، އިސްލާމިކް މިނިސްޓްރީން އިޚުތިޔާރު ކޮށްފައިވާ ޚާއްސަ ފޮތްތަކެއް ތަރުޖަމާކުރަން ފަށައިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ފޮތްތައް ހިލޭ ސާބަހަށް ބައެއް ބޭފުޅުން ތަރުޖަމާކޮށްދެއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ވަކިން ޚާއްސަކޮށް އަޅުގަނޑު އެ ބޭފުޅެއްގެ ނަން ފާހަގަކުރަން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ މުޅިން ހިލޭ ސާބަހަށް އެ މަނިކުފާނުގެ ހުރިހާ އިލްމީ މަސައްކަތްތަކެއްގައި މިނިސްޓްރީއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ވަރަށް އިޚުލާސްތެރިކަމާ އެކު މި ފުރުސަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން ފޮތްތައް ތަރުޖަމާކުރުމުގެ އިތުރުން އެހެން މަސައްކަތްތައް ވެސް ކުރިއަށްގެންދާ ކަމަށާއި މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އަހަރު ތެރޭގައި މަޝްރޫއު އެއްކޮށް ނިންމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ކިންގު ސަލްމާން މިސްކިތުގައި ގައުމީ އިސްލާމީ ލައިބްރަރީ ގާއިމުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން އިސްލާމީ މަރުކަޒުގައި ގާއިމްކޮށްފައި ހުރި އިސްލާމީ ލައިބްރަރީ ފާއިތުވެދިޔަ އަހަރުތަކުގައި ބަންދުކޮށް، އެ ތަނުގައި ހުރި ފޮތްތައް ގުދަންކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ލައިބްރަރީ އަލުން ސަލްމާން މިސްކިތުގައި ހުޅުވުމުގެ މަސައްކަތް ކުރަން ނިންމީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް