އައްޑޫ ސިޓީގައި 30 މިލިއަން ރުފިޔާގެ ވަޤުފް މަޝްރޫއެއް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު: ވިދާޅުވީ، އައްޑޫ ސިޓީގައި 30 މިލިއަން ރުފިޔާގެ ވަޤުފް މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އައްޑޫ ސިޓީގައި 30 މިލިއަން ރުފިޔާގެ ވަޤުފް މަޝްރޫއެއް ފަށަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އަތޮޅުތަކުގައި ވެސް ވަޤުފް މަޝްރޫއުތައް ގާއިމުކުރުމަކީ އަމާޒެއް ކަމަށާއި އަތޮޅުތަކުގައި ވަޤުފް މަޝްރޫއުތައް ހިންގަން ހުޅުވާލި ފުރުސަތަށް 14 ރަށު ކައުންސިލަކުން ޕްރޮޖެކްޓު ޕްރޮޕޯސަލް ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުތަކުގެ ތެރެއިން 10 ކައުންސިލަކުން ޕްރޮޕޯސަލެއް ހުށަހެޅި ކަމަށާއި މި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ކަމަށް ފާހަގަވީ އައްޑޫ ސިޓީން ހުށަހެޅި ޕްރޮޕޯސަލް ކަމަށް ޝަހީމް ވިދާޅުވިއެވެ.

30 މިލިއަން ރުފިޔާގެ އެ މަޝްރޫއައިގެން ކުރިއަށް ދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ނިންމާފައި. އެ މަޝްރޫއަށް ފައިސާ ހޯދުމާ ބެހޭ ގޮތުން އަޅުގަނޑުމެން ވާނީ އައްޑޫ ސިޓީގެ މޭޔަރާ މަޝްވަރާކޮށްފައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު އިތުރަށް ވިދާޅުވީ، އައްޑޫގެ ވަޤުފް އިމާރާތަށް ފައިސާ ހޯދަން މަޝްވަރާކުރެވުނު ގޮތްތަކަކީ މިނިސްޓްރީގެ ފަންޑުން އެ ކަމަށް ބޭނުންވާ އިކުއިޓީ ދިނުން ނުވަތަ ރާއްޖޭން ބޭރުން އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކާ ވާހަކަދައްކައިގެން އެ ކަމަށް ފައިސާ ހޯދުން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު: ވިދާޅުވީ، އައްޑޫ ސިޓީގައި 30 މިލިއަން ރުފިޔާގެ ވަޤުފް މަޝްރޫއެއް އަޅަން ނިންމާފައި ވާކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މީގެ އިތުރުން، އަމާޒަކީ އަންނަ އަހަރު ފެށޭއިރު އެ މަޝްރޫއު ފެށުންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އެ މަޝްރޫއު ނިމި، އެ ތަނުން ފައިދާ ލިބެން ފެށުމުން އައްޑޫ ސިޓީގެ އިސްލާމީ ކަންތަކަށް ދައުލަތުން ޚަރަދު ކުރާކަށް ނުޖެހޭ ކަމަށެވެ.

އޭގެ ތެރޭގައި، މިސްކިތްތައް އިމާރާތްކުރުމާއި ގުރުއާން މުބާރާތްތަކާއި އެހެނިހެން ދީނީ މަޝްރޫއުތަކަށް އެހީތެރިކަން ލިބިގެންދާނެކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް