ފެނަކައިން އުނިކުރީ ޗުއްޓީގައި ހުންނައިރު މުސާރައިގެ އިތުރަށް ދެމުން އައި ބައެއް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު: އެ ކުންފުނީގެ މުވައްޒަފުން އަހަރީއަށް ޗުއްޓީއަށް ދިއުމުން މުސާރައިގެ އިތުރަށް، މުސާރައިގެ 60 އިންސައްތަދޭ ގޮތަށް އޮތްއޮތުން މިހާރު ވަނީ ބަދަލުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ތެރެއިން އަހަރީ ޗުއްޓީއަށްދާ މުވައްޒަފުންގެ މުސާރައިން އުނިކުރި 60 ޕަސަންޓަކީ މުސާރައިގެ އިތުރަށް ދެމުން އައި އިނާޔަތެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިގެ މުވައްޒަފުން އަހަރީ ޗުއްޓީ ނެގުމުން، އެ މުވައްޒަފުންނަށް ދެމުން އައި އަސާސީ މުސާރައިގެ 60 ޕަސަންޓަށްވާ ފައިސާ ދިނުން ހުއްޓާލުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާތީ، އިއްޔެއިން ފެށިގެން އެ ފައިސާ ދިނުން ހުއްޓާލައިފައިވާކަން އަންގައި އެ ކުންފުނިންވަނީ ސާކިއުލާއެއް ނެރެފައެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު، ޙުސައިން ހަސަންފުޅު ވިދާޅުވީ އަހަރީ ޗުއްޓީގައި ތިބޭ ފެނަކައިގެ މުވައްޒަފުންނަށް ބޭސިކް ސެލަރީގެ އިތުރަށް 60 ޕަސަންޓަށްވާ ފައިސާ ދެމުން އައިސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ ކުރިން ފެނަކައިގެ މުސާރަ ވަރަށް ކުޑަ ކަމަށެވެ. އެގޮތުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި ލިބެނީ 1500އެއްހައި ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު މުވައްޒަފުން ޗުއްޓީއަށްދާއިރު، ހުރިހާ އެލޮވަންސްތަކެއް ވެސް ކެނޑޭތީ، މުވައްޒަފުން ޗުއްޓީއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

ޗުއްޓީއަށްދާ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް، 60 ޕަސަންޓު ދިނުމަށް ނިންމީ، އެ ކުންފުނީގެ މުވައްޒަފުން ޗުއްޓީއަށް ދިއުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޗުއްޓީއަށް ދިޔައިމަ ބޭސިކް ސެލަރީ މިކޮޅުން ވެސް ހަމަ ފުލްކޮށް ލިބޭނެ. ދެން އޭގެ އިތުރަށް އަނެއްކާ 60 ޕަސެންޓު މިކޮޅުން ދެނީ އިތުރަށް. އޭތި އަސްލު މި އެޖަސްޓުކުރީ، ބޯޑުން މި ނިންމެވީ އޭތި ހުއްޓައިލަން. އެއީ އިތުރަށް ދޭ އެއްޗެއް" ޙުސައިން ހަސަންފުޅު ވިދާޅުވިއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމާއެކު ފެނަކައިގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 8،000 ރުފިޔާ ލިބޭއިރު، މުސާރައިގެ އިތުރަށް، މުސާރައިގެ 60 ޕަސަންޓު ދޭ ގޮތަށް އޮތް ގޮތުން ބަދަލުނުކޮށް ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

އެ ނިންމުން މިހާރު ބަދަލުކޮށްފައިވާއިރު، ދެން އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް، 60 ޕަސަންޓަށްވާ ފައިސާއެއް ނުލިބޭނެއެވެ. އެހެން ނަމަވެސް މުސާރައިން އެއްވެސް މިންވަރެއް އުނިނުވެ، މުސާރަ ލިބެމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

comment ކޮމެންޓް