ފެނަކައިން އިސްތިއުފާ ދިން ނާއިފް، ވެމްކޯގެ ޑީއެމްޑީއަކަށް

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އިބްރާހީމް ނާއިފް: އޭނާ ކުރިން ހުރީ ފެނަކައިގެން ޑީއެމްޑީއަކަށް -- ފޮޓޯ/ ވެމްކޯ

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އިސްތިއުފާދެއްވި އިބްރާހީމް ނާއިފް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް މިއަދު އައްޔަނުކުރައްވައިފިއެވެ.

ފެނަކައިގެ ޑީއެމްޑީ ކަމުން ނާއިފް އިސްތިއުފާދެއްވިކަން އެނގުނީ މިދިޔަ މަހުގެ 26 ނަމަ ދުވަހު އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

ފެނަކައިގެ މީޑިއާ އޮފިޝަލަކު އެ ދުވަހު "ސަން"އަށް ވިދާޅުވީ، ނާއިފް އިސްތިއުފާދެއްވާފައިވާ ކަމަށާއި ނަމަވެސް، އިސްތިއުފާދެއްވި ވަކި ތާރީޚެއް ވިދާޅެއް ނުވެއެވެ. އެހެންވެ، ހުސްވެފައިވާ ޑީއެމްޑީގެ މަގާމަށް އެ ކުންފުނިން މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އައްޔަންކޮށްފައިވެއެވެ.

ވެމްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް ނާއިފް އައްޔަނުކޮށްފައިވާކަން ހާމަކޮށްފައެވެ.

އެ ކުންފުނިން ކުރި ޕޯސްޓުގައި ނާއިފަށް ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނާއިފަކީ ޕީއެންސީން ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކުރެއްވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ރައީސްގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

comment ކޮމެންޓް