"ގިރުނބާ" ޕޯޓަލްއާއެކު، ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓު ތަޢާރަފުކޮށްފި

ފެނަކައިގެ އެމްޑީ، މުޢާޒު މުޙައްމަދު ރަޝީދު: ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓު ތައާރަފު ކުރުން -- ފޮޓޯ/ ފެނަކަ

ފެނަކަ ކުންފުނި ޑިޖިޓަލައިޒް ކުރުމަށްޓަކައި އެކުލަވާލާފައިވާ މަގުޗާޓު ތަޢާރަފު ކޮށްފިއެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ބައިވެރިވެވަޑައިގަތް މި ހަފުލާގައި، މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ.

ފެނަކައިން ބުނީ މި މަގުޗާޓުގައި އެ ކުންފުނިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއާތަކާއި ޕޯޓަލްތައް ހިމެނޭ ކަމަށެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓު ތައާރަފު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

އެ ގޮތުން މިއަދު އިފުތިތާހު ކުރި "ގިރުނބާ" އަކީ މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓު ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ގިރުނބާއަކީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެކެވެ.

މިއާއެކު "ގިރުނބާ"ގެ ސަބަބުން ޚިދުމަތްތަކަށް ބުރޫއަރާފާނެ ހާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، ގިރުނބާގެ އިތުރުން، އެ ކުންފުނީގެ އެޗްއާރު މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޚާއްސަ ސޮފްޓްވެއާއެއް ވެސް ތަޢާރަފް ކުރެވުނު ކަމަށެވެ.

މި ސޮފްޓްވެއާއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ވެސް ފެނަކަ ޓެންޑާ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނިފައިވެއެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓު ތައާރަފު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

ފެނަކައިން ބުނީ މީގެ ތެރެއިން އެޗްއާރު ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއާތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއާ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއާތަކެއް ކަމަށެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވާ މޮނިޓާ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ. އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި އެ ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާޓް މީޓަރަށް ބަދަލުކުރުމަކީ ވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފެށިފައެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް، އެ ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން ކަމަށެވެ. މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކާއި ކުންފުނީގެ ޚިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

comment ކޮމެންޓް