ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި

މި އަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ޔޫތު މިނިސްޓްރީ

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން މި އެވޯޑަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރު) އިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00އަށް ކަމަށެވެ. އެ ގޮތުން ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ވިޔަފާރިއާއި އިގްތިސާދު
  • އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
  • މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  • ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
  • ފަންނިއްޔާތުގެ ދާއިރާ
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ތަރުހީބު ކުޑަވުމުގެ ސަބަބުން ޒުވާނުންގެ އެވޯޑު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު ފަސްކުރިއެވެ.

comment ކޮމެންޓް