މުރަނގަ ގަސް: ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކް ނައްތާލުމަށް އެހީތެރިވެދޭ

މުރަނގަ ގަހަކީ ސިއްހީ ގޮތުން ނުހަނު ގިނަގުނަ ފައިދާތަކެއް އެއިން ކުރާ ގަހެއް--ފޮޓޯ/ސީއެންއެން

މުރަނގަ ގަހަކީ އޭގައި ކާނާގެ ގިނަގުނަ ބައިތަކާއި ސިއްހީ ފައިދާތައް އެކުލެވިގެންވާތީ "މިރެކްލް ޓްރީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ގަހެކެވެ.

ދާދި ފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި މި ގަހުގެ އެހެން ބޮޑު ފައިދާއެއްވެސް އެބައޮތެވެ. އެއީ ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކް ނައްތާލުމަށް މި ގަހަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށް ވުމެވެ.

ބްރެޒިލް އަދި އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވިގޮތުގައި، ހަލުވިކަމާ އެކު ހެދޭ މުރަނގަ ގަހުގެ އޮށުން ނަގާ މާއްދާތަކަކީ ބޯފެން ސާފުކުރުމަށް މިހާރު އާންމުކޮށް ބޭނުންކުރާ ކެމިކަލްތަކާ އެއްވަރަށް މައިކްރޯޕްލާސްޓިކް ވަކިކޮށްދިނުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެކެވެ. މި ހޯދުންތައް ޝާއިއުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގައެވެ.

ސައޮ ޕައުލޯ ސްޓޭޓް ޔުނިވަސިޓީގެ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ އެޑްރިއާނޯ ގޮންސާލްވޭސް ވިދާޅުވި ގޮތުގައި، މުރަނގަ ގަސް ބޭނުންކޮށްގެން ފެން ސާފުކުރުމަކީ އެތައް ހާސް އަހަރެއް ކުރިންވެސް ކުރަމުން އައި ކަމެކެވެ. އެގޮތުން ގަދީމީ ގްރީކް، ރޯމަން އަދި މިޞްރުގެ މީހުންވެސް މި ގަސް ބޭނުންކުރިކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ.

ހިއްކާފައި ހުރި މުރަނގަ އޮށްތަކެއް--ފޮޓޯ/ސީއެންއެން

ޕްރޮފެސަރުގެ ޓީމުން ފާއިތުވި 10 ވަރަކަށް އަހަރު މުރަނގަ އޮށާ ބެހޭ ދިރާސާތައް ކުރަމުން އަންނައިރު، ޚާއްޞަކޮށް ފެނުގައި ހުންނަ ކުދިކުދި އެތިކޮޅުތައް އެކަތިގަނޑަކަށް ހަދައި ފުރޭނުމަށް ފަސޭހަކޮށްދިނުމުގައި މުރަނގަ އޮށް ކުޅޭ ދައުރު ވަނީ ބަލާފައެވެ. ބޯފެނުގައި މައިކްރޯޕްލާސްޓިކް ހުރުމުގެ ބިރުވެރިކަން ބޮޑުވަމުންދާތީ، އެކަމަށް އޮތް ހައްލެއްގެ ގޮތުން މިއީ މުހިއްމު ދިރާސާއެއްގެ ގޮތުގައި އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މައިކްރޯޕްލާސްޓިކަކީ އިންސާނާގެ އިސްތަށީގެ ބޯމިނަށްވުރެވެސް މާ ކުދި، ޕްލާސްޓިކްގެ އެތިކޮޅުތަކެކެވެ. މިއީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް ނުރައްކަލެވެ. ކަނޑުގެ އަޑިން ފެށިގެން އުސް ފަރުބަދަތަކާ ހަމައަށް މި ތަކެތި ވަނީ ފެތުރިފައެވެ.

މީގެ ދެ އަހަރު ކުރީގެ ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގެ 83 އިންސައްތަ އިސްކުރު ފެނުގައި މިފަދަ ޕްލާސްޓިކް އެކުލެވިގެންވެއެވެ. އަދި މިއީ އިންސާނާގެ ސިކުނޑިއާއި، ލޭގެ ނިޒާމާއި، ދަރިމައިވުމުގެ ނިޒާމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާ އެއްޗެއްކަން ސައިންސްވެރިން ދަނީ ހާމަކުރަމުންނެވެ.

މި ދިރާސާގައި ބޮޑަށް ބަލާފައި ވަނީ އެންމެ ނުރައްކާތެރި ޕްލާސްޓިކްގެ ބާވަތެއް ކަމަށްވާ ޕީ.ވީ.ސީ މައިކްރޯޕްލާސްޓިކަށެވެ. މުރަނގަ އޮށުގެ މާއްދާ ބޭނުންކޮށްގެން ފެން ފުރޭނުމުން، އޭގައި ހުރި މައިކްރޯޕްލާސްޓިކްގެ 98.5 އިންސައްތަ ސާފުކުރެވޭކަން ވަނީ ކަށަވަރުވެފައެވެ.

މުރަނގަ އޮށްތައް ބޭނުންކޮށްގެން ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކް ނައްތާލުމުގެ ތަހުލީލެއް ކުރިއަށްގެންދަނީ--ފޮޓޯ/ސީއެންއެން

މިއީ މިހާރު އާންމުކޮށް ބޭނުންކުރާ 'އެލުމީނިއަމް ސަލްފޭޓް' (އެލްމް) ފަދަ ކެމިކަލްތަކާ އެއްވަރުގެ، ނުވަތަ އެއަށްވުރެވެސް ރަނގަޅު ނަތީޖާއެކެވެ.

ކެމިކަލްތަކުގެ ބަދަލުގައި މުރަނގަ އޮށް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ މިއީ ގުދުރަތީ ވަސީލަތަކަށް ވުމެވެ. މިއީ ތިމާވެއްޓާ ރަހްމަތްތެރި، އަދި އިންސާނާގެ ސިއްހަތަށް ގެއްލުންދޭ ވިހަ މާއްދާތަކުން ސަލާމަތްވެފައިވާ އެއްޗެކެވެ.

އޭގެ ބަދަލުގައި (އެލްމް) ފަދަ ކެމިކަލްތަކަކީ ގިނަ އަދަދަކަށް ހަށިގަނޑަށް ގޮސްފިނަމަ ސިކުނޑީގެ ބަލިތަކަށް މަގުފަހިވާ އެއްޗެކެވެ.

މުރަނގަ އޮށުން ފެން ސާފުކުރުމުގައި ބައެއް ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އެއް އޮށުން ސާފުކުރެވެނީ ގާތްގަނޑަކަށް 10 ލީޓަރުގެ ފެނެވެ. އެހެންކަމުން، މިއީ ބޮޑެތި ސިޓީތަކުގެ ފެން ސާފުކުރާ ނިޒާމުތަކުގައި ބޭނުންކުރަން އަދި ދަތި ކަމަކަށް ވިޔަސް، ކުދި އާބާދީތަކާއި ކެމިކަލް ލިބުމަށް ދަތި ހިސާބުތަކަށް މިއީ ވަރަށް ބޭނުންތެރި، އަގުހެޔޮ އަދި ދެމެހެއްޓެނިވި ހައްލެކެވެ.

މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށާއި، މައިކްރޯޕްލާސްޓިކްގެ އިތުރުން މިއަށްވުރެވެސް ކުދި ނެނޯޕްލާސްޓިކް ސާފުކުރުމުގައި މުރަނގަ އޮށުގެ ދައުރު ދެނެގަތުން މުހިންމު ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

އިންސާނުން މައިކްރޯޕްލާސްޓިކަށް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މުރަނގަ ފަދަ ގުދުރަތީ ވަސީލަތްތަކުން ހޯދޭ މިފަދަ ހައްލުތަކަކީ މުސްތަގުބަލަށްޓަކައި ނުހަނު އަގުހުރި ހޯދުންތަކެކެވެ.

comment ކޮމެންޓް