'ބްރެއިން ފޮގް': ކިހިނެއްވާ ކަމެއް؟

'ބްރެއިން ފޮގް' ނުވަތަ 'ސިކުނޑި ފޮގް' އަކީ މަދުން ނަމަވެސް އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު ތަހައްމަލުކުރާ ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބްރެއިން ފޮގް ނުވަތަ ސިކުނޑި ފުސްވުމަކީ ކުއްލިއަކަށް ހަނދާން ބަލިވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސްޓްރެސްވުމާއި، ނިދި މަދުވުމާއި، ބައެއް އެހެނިހެން ސިއްހީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ވަގުތީ ހާލަތެކެވެ. ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އަމަލުކުރުމުން މިކަން ފަސޭހައިން ހައްލުކުރެވެއެވެ.

  • ބްރެއިން ފޮގްއަކީ ވިސްނުމާއި ސަމާލުކަން ދިނުން ދަށްވާ ވަގުތީ ހާލަތެއް ކަން
  • މީގެ އަލާމާތްތަކުގެ ތެރޭގައި ހަނދާން ނެތުމާއި ވާހަކަދައްކަން އުނދަގޫވުން ހިމެނޭ ކަން
  • ނިދި މަދުވުމާއި، ސްޓްރެސް އަދި ބައެއް ބަލިތަކަކީ މީގެ ސަބަބުތައް ކަން
  • ރަނގަޅަށް ނިދުމާއި، ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުން ހައްލު ލިބޭ ކަން

ކުއްލިއަކަށް ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވޭތަ؟ ހަނދާންތައް ފަސޭހައިން ފިލައިދޭތަ؟ ނުވަތަ ކުއްލިއަކަށް ސިކުނޑި "ހުސްވެ" ހިނގައިދާ ކަހަލަ އިހުސާސެއް ކުރެވޭތަ؟

ވަރަށް ގިނަ ބަޔަކު ތިފަދަ ތަޖުރިބާކުރާ މި ހާލަތަށް ސިއްހީ ދާއިރާގައި ބޭނުންކުރާ ލަފުޒަކީ "ބްރެއިން ފޮގް"އެވެ.

'ބްރެއިން ފޮގް'އަކީ ކޮބާ؟

'ބްރެއިން ފޮގް' ކިޔަނީ ވިސްނުން ހިންގުމާއި ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތު ވަގުތީ ގޮތުން ދަށްވެ، ސިކުނޑި ތިލަ ނުވެ، ހިތްހަމަ ނުޖެހޭ ހާލަތަކަށް ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ ނިއުރޮލޮޖީ ސްޕެޝަލިސްޓް ޑރ. ޑްވީ ހަނީ ފެބްރީނާ އެސް ވިދާޅުވެފައިވެއެވެ.

'ބްރެއިން ފޮގް' ތަޖުރިބާ ކުރާ ފަރާތްތަކަށް ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވެ، ހަނދާން ބަލިވެ، ނުވަތަ ވިސްނުން ލަސްވެ ހިނގައިދެއެވެ.

'ބްރެއިން ފޮގް' ކުރިމަތިވުމަށް ދިމާވާ އެންމެ އާއްމު ސަބަބުތަކުގެތެރޭ، ނިދި ނުލިބުމާއި ވަރުބަލިވުން، މީހާ މާބޮޑަށް ސްޓްރެސްވުން ހިމެނޭ--ފޮޓޯ/ޕިންޓްރެސްޓް

ޑރ. ޑްވީ ހަނީ ވިދާޅުވެފައިވާ ގޮތުގައި، 'ބްރެއިން ފޮގް'އަކީ ވަކި ބައްޔެއް ނޫނެވެ. ގިނަ ބަޔަކު 'ބްރެއިން ފޮގް' ސިފަ ކުރަނީ، ސިކުނޑި ފުސްކަމެއްގެ ތެރޭ ހިފިފައި ހުރި ކަހަލަ ގޮތެއްކަމަށެވެ. މި ހާލަތުގައި ލިބޭ މައުލޫމާތު ހަޖަމު ކުރުމާއި، ހަލުވިކަމާ އެކު ނިންމުންތައް ނިންމުން ވެސް ދަތިވެ ހިނގައިދާ ކަމަށް ޑރ. ޑްވީ ހަނީ ވިދާޅުވެފައިވެއެވެ.

'ބްރެއިން ފޮގް'ގެ ނިޝާންތައް

'ބްރެއިން ފޮގް'ގެ ނިޝާންތައް ކޮންމެ ފަރާތަކަށް ވެސް ތަފާތު ގޮތްގޮތަށް ފެނިދާނެއެވެ. ނަމަވެސް، އެންމެ ގިނައިން ފެންނަ ނިޝާންތަކުގެ ތެރޭގައި، ކަންކަމަށް ސަމާލުކަން ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެ ކަންކަން ހަނދާން ނެތި ފަސޭހައިން ހަނދާން ގެއްލިދިއުން ހިމެނެއެވެ.

މީގެ އިތުރުން، ވާހަކަދައްކާ ވަގުތު ބޭނުންވާ ލަފުޒު ހޯދުމަށް ދަތިވުމާއި، އާ މައުލޫމާތު ދެނެގަތުމާއި ހަޖަމުކުރުމަށް ދަތިވުން ހިމެނެއެވެ. ބައެއް ފަރާތްތަކަށް، ހިތްހަމަ ނުޖެހޭ ހާލަތު ދިގު ދެމިގެންދާ ނަމަ، ކިޔެވުމާއި، މަސައްކަތާއި، ތަފާތު ކަންކަން ބޭނުންވާ ވަގުތެއްގައި ކުރުން ފަދަ ދަތިތަކާ ވެސް ކުރިމަތިލާން ޖެހިދެއެވެ.

'ބްރެއިން ފޮގް' ކުރިމަތިވުމަށް ދިމާވާ އެންމެ އާއްމު ސަބަބުތަކުގެ ތެރޭ، ނިދި ނުލިބުމާއި ވަރުބަލިވުން، މީހާ މާބޮޑަށް ސްޓްރެސްވެ ނަފުސާނީ ވަރުބަލިކަން އިހުސާސްވުން، ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް، ސިއްހީ ގޮތުން ކުރިމަތިވެފައިވާ ބައެއް ބަލިތައް، މިސާލަކަށް މައިގްރެއިން، ހަކުރު ބަލި، ޑިޕްރެޝަން، ހޯމޯންތަކަށް އަންނަ ބަދަލުތައް، ނުވަތަ ލޯންގް ކޮވިޑް ފަދަ ވަކި ބަލިތަކަކީ ބްރެއިން ފޮގްއާ ގުޅިފައިވާ ކަމަށް ފާހަގަކުރެވޭ ހާލަތްތަކެވެ.

މީގެ އިތުރުން ބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ވެސް 'ބްރެއިން ފޮގް' ކުރިމަތިވުމަށް މަގުފަހިކޮށްދެއެވެ.

ދިރިއުޅުމުގެ ހެޔޮ އާދަތައް ގެންގުޅެ، ސްޓްރެސް ރަނގަޅަށް މެނޭޖް ކުރުމަކީ ސިކުނޑި ރަނގަޅަށް ހިންގޭ ހާލަތުގައި ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސިއްހީ މާހިރުން ލަފަދެއްވާ--ފޮޓޯ/އިކޮނޮމިކްޓައިމްސް

'ބްރެއިން ފޮގް'ގެ ނިޝާންތައް ލުއިކޮށް، ސިކުނޑި ރަނގަޅަށް ހިންގޭ ހާލަތުގައި ބެހެއްޓުމަށް ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެކެވެ.

  • ރަނގަޅަށް ނިދުން
  • ސްޓްރެސް ކޮންޓްރޯލް ކުރުން
  • ކެއުން ރަނގަޅު ކުރުން
  • ހަރަކާތްތެރިވުން
  • ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުން

މީގެ އިތުރުން، ސަމާލުކަން ދިނުމަށް ދަތިވާ ވަގުތުތަކުގައި، ނޯޓް ނެގުމާއި، ރިމައިންޑާ ބޭނުން ކުރުމާއި، ކަންކަން އެއް ފަހަރާ ގިނަ ނުކޮށް، ކަމަކަށް ފަހު ކަމެއް ނިންމަމުން ދިއުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ.

ގިނަ ހާލަތްތަކުގައި، 'ބްރެއިން ފޮގް'އަކީ ވަގުތީ ކަމެއް ކަމަށް ޑރ. ޑްވީ ހަނީ ވިދާޅުވެފައިވެއެވެ. ހަށިގަނޑަށް ރަނގަޅަށް އަރާމު ލިބި، ދިރިއުޅުމުގެ އާދަތައް ހެޔޮ ގޮތަށް ބަދަލު ކޮށްލުމުން ހާލަތު ރަނގަޅުވެދާނެ ކަމަށާއި ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތައް ކުރިމަތިވާ ނަމަ، ނިއުރޮލޮޖިސްޓެއްގެ ލަފާ ހޯދުން ވަރަށް މުހިންމު ކަމަށް ޑރ. ޑްވީ ހަނީ ވަނީ ވިދާޅުވެފައިވެއެވެ.

  • ނިޝާންތައް ދިގު މުއްދަތަކަށް ދެމިގެން ދިއުން
  • ނިޝާންތައް ތަކުރާރުވެ، ގިނަ ގިނައިން އެކަންތައް ތަކުރާރުވުން
  • ދިރިއުޅުމުގެ އާންމު ހަރަކާތްތަކަށް ބުރޫ އެރުން

ދިރިއުޅުމުގެ ހެޔޮ އާދަތައް ގެންގުޅެ، ސްޓްރެސް ރަނގަޅަށް މެނޭޖް ކުރުމަކީ ސިކުނޑި ރަނގަޅަށް ހިންގޭ ހާލަތުގައި ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަމާލުކަން ދިނުމަށް ދަތިވުން ނުވަތަ ހަނދާން ބަލިވުން ފަދަ ނިޝާންތައް ދިގު މުއްދަތަކަށް ދެމިގެންދާ ނަމަ، ސިއްހީ މާހިރެއްގެ އެހީ ހޯދުން މުހިއްމު ކަމަށް ޑރ. ޑްވީ ހަނީ އިރުޝާދު ދެއްވައެވެ.

comment ކޮމެންޓް