ރާއްޖޭގެ އެކި ދާއިރާތަކުން ޢިލްމީ ގާބިލު ގިނަ އަދަދެއްގެ ބަޔަކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މިއަދު ސޮއިކޮށްފިއެވެ.
އެމްޑީއޭއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ލީޑާޝިޕުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަހު ވަނީ ހަރަކާތެއް ފަށައިފިއެވެ.
އެމްޑީއޭއަށް މިއަދު ގިނަ އަދަދެއްގެ މީހުން ސޮއިކުރުމާ ގުޅިގެން އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މިއަދު ސޮއިކުރި މީހުންގެ ތެރޭގައި ގާނޫނީ ވަކީލުންނާއި މީގެ ކުރިން އެހެން ޕާތިތަކުގައި މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނޭކަމަށެވެ.
އައްބާސް ވިދާޅުވީ، ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ކުރާކަމަށެވެ.
"ކުރިއަށް އޮތް ދެމަހެއް ތެރޭގައި ދާއިރާގެ ރަށު މަޖިލިސްތަކާއި ދާއިރާގެ މަޖިލީހުގެ އިންތިޚާބުތައް ބޭއްވުމަށް މި ތައްޔާރުވަނީ،" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، އަމާޒަކީ އެމްޑީއޭއަށް އެންމެ މަދުވެގެން 30،000 މެމްބަރުން ހަމަކުރުން ކަމަށެވެ. އެހެންކަމުން، މި އަދަދު ހަމަވުމާ ހަމައަށް، ޕާޓީގެ މެމްބަރުން އިތުރުކުރަން ކުރާ މަސައްކަތްތައް ހުއްޓާ ނުލާނެކަމަށް އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ، މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެމްޑީއޭގެ ހުރިހާ ގުނަވަންތައް ގުޅިގެން ކަމަށެވެ. އަދި މިއީ ޒުވާނުންނަށް ވެސް ފުރުސަތު އޮތް ޕާތިއެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޕާޓީގެ މެމްބަރުން އިތުރުކުރުމުގެ ހަރަކާތާ ގުޅިގެން މީގެ ކުރިން އައްބާސް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ހުރިހާ ރަށެއްގައި ރަށު މަޖިލިސްތައް އެކުލަވައިލާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ޕާޓީގެ އެތެރޭގެ ހިންގުން ރަނގަޅުކޮށް ހަރުދަނާކުރުމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެމްޑީއޭއަކީ ރައްޔިތުންނަށް މަންފާވާ، ދެ ޖިންސުގެ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކަށް ހެދުމަށް ޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީއޭ އުފެދިގެން އައީ 2012 ވަނަ އަހަރެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރެޖިސްޓާކޮށްފައި 11 ޕާޓީއެއް އޮތް އިރު އެމްޑީއޭއަކީ ފަސް ވަނައަށް އެންމެ މެންބަރުންގެ އަދަދު ގިނަ ޕާޓީއެވެ.