ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލަ: ބައްޕަގެ ފޮޓޯ އާންމު ނުކުރަން އިލްތިމާސްކޮށްފި

ޖިންސީގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އަނިޔާ ލިބޭ ކުއްޖާގެ ބައްޕަގެ ފޮޓޯ އާއްމުކުރުމަކީ ކުއްޖާގެ ވަނަވަރު އާއްމުކުރުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ދަރިންނަށް ބައްޕައަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުއްޖާގެ ބައްޕަގެ ފޮޓޯ އާންމު ކުރުމަކީ އެ ކުއްޖާގެ ވަނަވަރު ހާމަކުރުން ކަމަށާއި، އެފަދަ ފޮޓޯއެއް މީޑިއާތަކުންނާއި މީސްމީޑިއާގައި ދައުރުނުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ ނުސީދާކޮށް ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭނެ ފޮޓޯ ނުވަތަ ވީޑިއޯ އެކި ފަރާތްތަކުން އާއްމުކުރަމުން ދިޔުމުގެ ސަބަބުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށާއި، ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ވެސް ސަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު އާއްމުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކުދިންގެ ތަސްވީރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަން ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި ބަޔާންކުރާ ނުސީދާ ގޮތެއްގައި ކުއްޖާގެ ވަނަވަރު ހާމަކުރާ ގޮތް އެ ވުޒާރާއިން ވަނީ ތިލަކޮށްދީފައެވެ. އެގޮތުން އެކުދިންގެ 'ބައްޕަގެ ފޮޓޯ' އާއްމުކުރުމަކީ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެކަމުގެ ސަބަބުން އެކުދިންނަށް ނަފުސާނީ ގޮތުން އިތުރު ގެއްލުންތަކެއް ލިބި ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ކުދިންގެ ކަރާމާތައް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯއެއް މީޑިއާ އަދި މީސްމީޑިއާގައި ދައުރުނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން. އަދި ކުދިންގެ ކަރާމާތައް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯ އާންމުނުކުރުމަށް މީޑިއާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ބުނެދީ އޮޅުންފިލުވައިދިނުމަށް ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އެދެން،އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

އެ ވުޒާރާއިން ވަނީ ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެ ވުޒާރާގެ ޗައިލްޑް ހެލްޕް ލައިން 1412އަށް ގުޅުމަށް އެދިފައެވެ.

މާލޭގައި ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ބައްޕައެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވަނީ އިއްޔެއެވެ.

މިއަދު ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 42 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ މައްސަލަތައް ބަލާއިރު ކުއްޖާގެ ވަނަވަރު އެނގޭ ގޮތަށް، ސޯޝަލް މީޑިއާގައި ފޮޓޯއާއި ވީޑިއޯ ބައެއް ފަހަރަށް ދައުރުވެއެވެ.

comment ކޮމެންޓް