އަންހެން ދެ ދަރިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުވާ ބައްޕަގެ ބަންދަށް 30 ދުވަސް

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ބައްޕައަކު ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ބައްޕަގެ ބަންދަށް 30 ދުވަސް މިއަދު ޖަހައިފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ރެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރޭ ފުލުހުން ބުނީ، ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންގެ އިތުރުން ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ފަހުން ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 238 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް