ކެންސަރު ބަލި މީހުންގެ ދަފްތަރުގައި ދެ ހޮސްޕިޓަލަކުން 1400 އަށްވުރެ ގިނަ މީހުން

ދިވެހި ހަމައެކަނި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު ކެންސަރުގެ އޮޕަރެޝަނެއްގެ ތެރެއިން -- ފޮޓޯ: އަމްރު

ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ބެލި ދެ ހޮސްޕިޓަލަކުން 1400 އަށްވުރެ ގިނަ މީހުން ކެންސަރު ދަފްތަރަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު އަބްދުﷲ މުޢާޒް އާދަމް ވިދާޅުވީ ރާއްޖޭގެ ކެންސަރުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

އެގޮތުން ކެންސަރުގެ ރަޖިސްޓްރީ ގާއިމްކުރުމުގެ މަސައްކަތް އެޗްޕީއޭއާއި އެހެން ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މިހާތަނަށް ކުރި މަސައްކަތުން ފުރަތަމަ ފޭސްގައި ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްގައި ފަރުވާ ހޯދާ ޕޭޝެންޓުން އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 1400 އަށްވުރެ ގިނަ ޕޭޝަންޓުން ރަޖިސްޓްރީ ކުރެވިފައި ވާކަމަށް ވިދާޅުވިއެވެ. އެ މީހުންގެ މައުލޫމާތު ދަފްތަރެއްގެ ގޮތުގައި ބެލެހެއްޓެމުން ދާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ކެންސަރުގެ ހާލަތު ވަކި ވަރެކޭ ސީދާ ބުނަން އަދި ނޭނގޭ ކަމަށެވެ.

"އަސްލު އެގްޒެކްލީ ރާއްޖޭގެ ހާލަތު މިވެނި ވަރަކަށޭ އަޅުގަނޑުމެންނަށް ބުނަން މި ވަގުތަށް އަޅުގަނޑުމެންނަށް ދަތި. އެކަމު މި މަސައްކަތް ހަމަ ބާރު ސްޕީޑުގައި ކުރަމުން މިދަނީ. ކޮން ސަރަހައްދެއްގައިތޯ ކިހާ ވަރަކަށްތޯ ކެންސަރު ހުރީ ކޮންކަހަލަ ކެންސަރެއްތޯ ރާއްޖޭގައި އެންމެ ގިނައީ،" މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމުކޮށް މިހާރު ކެންސަރު ރަޖިސްޓްރީއަށް ބަލާއިރު އަންހެނުންގެ ތެރެއިން ގިނައިން ފާހަގަކުރެވެނީ އުރަމަތީގެ ކެންސަރު ކަމަށެވެ. އަދި ފިރިހެނުންނަށް ބަލައިފިނަމަ ފުއްޕާމޭގެ ކެންސަރު ގިނަކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ހަމައެކަނި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު ކެންސަރުގެ އޮޕަރެޝަނެއްގެ ތެރެއިން-- ފޮޓޯ: އަމްރު

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކްލިނިކްލް އޮންކޮލޮޖިސްޓް ޑރ.މުޙައްމަދު އަމްރު އަޙްމަދު ވިދާޅުވީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ކޮންޓްރޯލް ކުރެވޭ ކަންތައްތަކަކާއި ނުކުރެވޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. އަދި ބައެއް ކެންސަރުތަކަކީ އުމުރުން ދުވަސްވާ ވަރަކަށް އޭގެ ފުރުސަތު ބޮޑު ކެންސަރުތައްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އަމްރު ވިދާޅުވީ ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި، އަލްޓްރާ ޕްރޮސެސް ފުޑް އަދި ހަކުރު މަތީ ކާނާއާއި، ސިނގިރޭޓަކީ ކެންސަރަށް މަގުފަހިވުމުގައި ބޮޑު ދައުރެއް އަދާކުރާ ބާވަތްތަކެއް ކަމަށެވެ. އެއާއެކު ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ކެއިން ބުއިމުގައި ވީހާ ވެސް ތާޒާ އެއްޗެހި ބޭނުން ކުރުމަށް އަމްރު ވަނީ ލަފާދީފައެވެ.

comment ކޮމެންޓް