ލޮލުގެ ސްކްރީނިން ހެދުމަށް އައިކެއަރ ހޮސްޕިޓަލުން އަތޮޅުތަކަށް 'އައި ކޭމްޕް' ފަށައިފި

އައިކެއަރގެ ކޭމްޕުގެ ތެރެއިން: ކޭމްޕް ފަށައިފައި ވަނީ ގއ. އަތޮޅުން -- ފޮޓޯ/ އައިކެއަރ

ލޮލުގެ ސްކްރީނިން ހެދުމަށް އައިކެއަރ ހޮސްޕިޓަލުން އަނެއްކާ ވެސް އަތޮޅުތަކުގައި ކޭމްޕުތައް ބާއްވަން ފަށައިފިއެވެެ.

އައިކެއަރ ހޮސްޕިޓަލުން 'އައި ކޭމްޕް' ކުރިޔަށްގެންދަނީ އަތޮޅުތަކުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެންނެވެ.

މިމަހު އެ ހޮސްޕިޓަލުގެ ފުރަތަމަ ކޭމްޕް ފަށައިފައި ވަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. އެގޮތުން ވިލިނގިލިން ފަށައި، މާމެންދޫ އަދި ދާންދޫގައި ކޭމްޕު ބާއްވުމަށްފަހު މިހާރު ދަނީ ގެމަނަފުށީގައި ކޭމްޕް ކުރިއަށްގެންދަމުންނެވެ.

ގެމަނަފުށްޓަށްފަހު ދެން ދަތުރުކުރާނީ ކަނޑުހުޅުދޫއަށާއި ކޮލަމާފުއްޓަށެވެ. އެއަށް ފަހު އައިކެއަރގެ ޓީމް ދަތުރު ކުރާނީ ގދ. އަތޮޅަށެވެ.

އައިކެއަރގެ ކޭމްޕުގެ ތެރެއިން: ކޭމްޕް ފަށައިފައި ވަނީ ގއ. އަތޮޅުން -- ފޮޓޯ/ އައިކެއަރ

އައިކެއަރގެ ކޭމްޕުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކެޓެރެކްޓް އާއި ގްލައުކޮމާ ހުރިތޯ ސްކްރީން ކުރުން، އަދި ރިފްރެކްޓިވް މައްސަލަތަކާއި ރެޓީނާގެ މައްސަލަތަކަށް ސްކްރީން ކުރުން ހިމެނެއެވެ. އައިނު ހައްދަން ބޭނުންވާ ފަރާތްތަކަށް އައިނު އޯޑަރު ކުރެވޭނެގޮތްވެސް މި ކޭމްޕުގައި ހަމަޖެހިފައިވެއެވެ.

އައިކެއަރގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ސިއްޙީ ބޭފުޅުންނާއެކު ކުރިއަށްގެންދާ މި ކޭމްޕުގެ މަގުސަދަކީ އަތޮޅުތަކުން މާލެއަށް ދަތުރުނުކުރެވޭ ފަރާތްތަކަށް، ލޮލުގެ ފެނުން ޗެކުކުރުމަށް ފުރުސަތު ދިނުމެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ލޮލުގެ ދުޅަހެޔޮކަމާއި މައްސަލަތައް ދެނެގަތުމެވެ.

އައިކެއަރގެ އަމާޒަކީ މި ކޭމްޕުތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ބޭއްވުމެވެ. އަދި ވީހާ ވެސް ގިނަ މީހުން ކޭމްޕުތަކުގައި ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން އުއްމީދުކުރެއެވެ.

comment ކޮމެންޓް