ޓްރަމްޕަށް އަމާޒުކޮށް އަނެއްކާވެސް ހަމަލާއެއް

އެމެރިކާގެ އިދިކޮޅު ޅީޑަރު ޑޮނަލްޑް ޓްރަމްޕަށް މީގެކުރިން ދިން ހަމަލާގައި ޒަޚަމްވެވަޑައިގެންފައި. ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް އިއްޔެ ވަނީ ހަމަލާއެއް ދީފައި. ފޮޓޯ/އޭޕީ

އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވާހަރާކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އަތުލައިގެންފިއެވެ.

އެ ހަމަލާދޭން މަސައްކަތްކޮށްފައި ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގޯލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއް ކައިރީ ފިލާ އޮވެއެވެ. ހަމަލާދޭން މަސައްކަތްކުރީ އޭކޭ-47 ސްޓައިލްގެ ރައިފަލަކުން ކަމަށް އެފްބީއައިއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހަމަލާދިނުމާއެކު އޭނާ ވަނީ ކާރެއްގައި ފިލައިގެން ގޮސްފައެވެ. ނަމަވެސް ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް އެކަން ފާހަގަވެ އެ ކާރު ދެނެގަނެ ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ވަނީ ބުނެފައެވެ.

އެ ހަމަލާއާ ގުޅިގެން ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް އޭނާގެ ކެމްޕޭން ޓީމުން ބުނެއެވެ.

ސީކްރެޓް ސާވިސް އިން ބުނީ ގަސްތަކުގެ ތެރޭ ފިލާ އޮތް މީހާއަށް އަމާޒުކޮށް ސީކްރެޓް ސާވިސްގެ އެޖެންޓެއް ނުވަތަ އެޖެންޓުންތަކެއް ހަމަލާދިން ކަމަށާއި އެ މީހާ ފިލައިގެން ދިއުމުން އެތަން ފާސްކުރި އިރު އޭނާ ގެންގުޅުނު ބަޑި އާއި ދުރުމިއެއް އަދި ގޯޕްރޯ ކެމެރާއެއް ފެނިފައިވާ ކަމަށެވެ.

ޓްރަމްޕްގެ ގޯލްފް ކޯސް ސަރަހައްދުން ފެނުނު ބައެއް ތަކެތީގެ ފޮޓޯ ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކައިލާފައި. ފޮޓޯ/ސްކައި ނިއުސް

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޖޯ ބައިޑަން އާއި ނާއިބު ރައީސް އަދި އިންތިޚާބުގައި ޓްރަމްޕްގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް އެ މައުލޫމާތު ދީފައިވާ ކަމަށާއި އެމަނިކުފާނު ސަލާމަތުން ހުރިކަން އެނގުމުން އެބޭފުޅުން ވަރަށް ހިތްހަމަޖެހިވަޑައިގެން ތިއްބެވި ކަމަށެވެ.

ސީކްރެޓް ސާވިސް އިން ބުނީ ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާ ޓްރަމްޕަށް ނުވަތަ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް އަމާޒުކޮށް ބަޑި ޖެހިކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ. ނަމަވެސް ސަލާމަތީ ކަންތައް ބެލެހެއްޓި އެޖެންޓުން ބަޑި ޖެހި ކަމަށް ބުންޏެވެ.

މިއީ ކެމްޕޭނު ތެރޭގައި ޓްރަމްޕަށް ހަމަލައެއް އަމާޒުކުރަން މަސައްކަތްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ހަމަލާދީފައި ވަނީ ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައޮ ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ.

އެފަހަރު ޓްރަމްޕަށް ހަމަލާ އަމާޒު ކުރީ އެ ސަރަހައްދާ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅު މަތީގައި އޮވެއެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަންފަތަށް ވަނީ ކޮންމެ ވެސް ވަރަކަށް އަނިޔާވެފައެވެ. ހަމަލާދިން މީހާ ވަނީ ހަމަ އެ ވަގުތު ބަޑި ޖަހައި މަރައިލައިފައެވެ.

comment ކޮމެންޓް