މާލޭ ކޮމާޝަލް ހާބަރުގެ ޖާގައިގެ ދަތިކަމަށް އޮތް ހައްލަކީ ފަސް ދުވަހުން މުދާ ހުސްކުރުން: ވަޖީހު

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

މާލޭ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އޮތް ހައްލަކީ ފަސް ދުވަސް ތެރޭ މުދާ ހުސްކުރުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ މާލޭ ހާބަރަށް 38 އަހަރު ވީއިރު، އެ ޕޯޓު ފުރަތަމަ ތަރައްގީކޮށްފައި 2،000 ކޮންޓެއިނަރުގެ ސައިޒަަށްކަމަށެވެ. ނަމަވެސް، ވަޖީހު ވިދާޅުވީ މިހާރު ބައެއް މަސްތަކުގައި 7،000 ކޮންޓެއިނަރު ވެސް އަންނަ ކަމަށެވެ.

އެ ގޮތުން ޕޯޓު ތެރޭގައި ޖާގަ އިތުރުކުރުމުގެ ގޮތުން އެ ތަނުގެ ތެރޭގައި ހުރި ބޭކާރު ތަކެތި ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޖީހު ވިދާޅުވީ އޭނާ އެމްޕީއެލާ ހަވާލުވެ ވަޑައިގަތްއިރު ޕޯޓުގައި އެއްފަހަރާ މެނޭޖްކުރެވޭނީ 2،200 ކޮންޓެއިނަރު ކަމަށެވެ. އެހެން ނަމަވެސް ބޭކާރު ސާމާނުތައް ނައްތައިލައި، އިތުރު ޖާގަ ހެދުމުން މިހާރު އެއްފަހަރާ މެނޭޖު ކުރެވޭ ކޮންޓެއިނަރުގެ އަދަދު 3،500އާ ކައިރިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވި ގޮތުގައި ޕޯޓަށް އަންނަ މުދާ ދުވަހުން ދުވަހަށްދަނީ އިތުރުވަމުންނެވެ. އެގޮތުން:

  • 2023ގައި ކޮންޓެއިނާ ކާގޯ - މަހެއްގެ މައްޗަށް 5،174 ފްރައިޓް ޓަން
  • 2023ގައި ޖެނެރަލް ކާގޯ - މަހެއްގެ މައްޗަށް 8،754 ފްރައިޓް ޓަން

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ކޮންޓެއިނާ ކާގޯ 11 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. އަދި ޖެނެރަލް ކާގޯ 50 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.

  • 2024ގައި ކޮންޓެއިނާ ކާގޯ - މަހެއްގެ މައްޗަށް 5،756 ފްރައިޓް ޓަން
  • 2024ގައި ޖެނެރަލް ކާގޯ - މަހެއްގެ މައްޗަށް 13،153 ފްރައިޓް ޓަން

ޕޯޓުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވި ނަމަވެސް އެ ތަނަކީ ބޮޑު ކުރެވެން އޮތް ތަނެއް ނޫންކަން ވަޖީހު ފާހަގަ ކުރެއްވިއެވެ. އަދި ޖާގައިގެ ދަތިކަން ދިމާވުމުގެ ސަބަބުން ބައެއް ބޯޓުތަކުން މުދާ ނުބޭލިގެން، ބޯޓަށް ނުފުރިފައި އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ފަދަ މައްސަލަތައް ދިމާވާނަމަ، ބޯޓުފަހަރު ރާއްޖެ ނާންނާނެކަން ވަޖީހު ފާހަގަ ކުރެއްވިއެވެ.

ކޮންޓެއިނަރުތައް ބާލާތާ 10 ދުވަސް ވަންދެން އެ ތަކެތި ޕޯޓުގައި ހިލޭ ބެހެއްޓެއެވެ. އެހެން ނަމަވެސް ޕޯޓުގައި ޖާގައިގެ ދަތިކަން އޮތްއިރު، އެތެރެކުރާ މުދާ ގިނަވާތީ، އެ ކަން މެނޭޖު ކުރެވޭނެ ގޮތަކީ 10 ދުވަހުގެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އިޚްލާސްތެރިކަމާ އެކު އެދެން ރާއްޖޭގެ ވިޔަފާރިވެރިންގެ އަރިހުން، ހިނގާށޭ ފަސް ދުވަހަށް ބަދަލުކޮށްލަން ފްރީކޮށް ބަހައްޓަން" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން މާލޭ ޕޯޓު ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށެވެ. އެއާއެކު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ވެގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ވަނީ މާލޭ މާލޭ ކޮމާޝަލް ހާބަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއެއް ވެސް ފަށާފައެވެ.

comment ކޮމެންޓް