ޝާހު ފަހަތަށް ޖައްސާލައި، އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކަށް ވިޖޭ

ސައުތު ތަރި ވިޖޭ އަދި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ އެންމެ އަގު ބޮޑު ފިލްމީ ތަރި ޝާހްރުކް ޚާން ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމީ ތަރީގެ ޝަރަފު ސައުތު އިންޑިއަން ސިނަމާގެ ވިޖޭ (ތަލަޕަތީ ވިޖޭ) ހޯދައިފިއެވެ.

ކިންގް އޮފް ބޮލީވުޑްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ޝާހްރުކް ޚާން އާއްމު ގޮތެއްގައި ފިލްމަކަށް ކިޔާ އަގު އުޅެނީ 150 ކްރޯޑު ރުޕީސްއާއި 250 ކްރޯޑު ރުޕީސްއާ ދެމެދުގައެވެ. ނަމަވެސް، އުމުރުން 50 އަހަރުގެ ތަމަޅަ އެކްޓަރު ވިޖޭއަށް އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމީ ތަރީގެ ޝަރަފު ލިބުނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ވިޖޭގެ ފިލްމު "ތަލަޕަތީ 69"ގެ އަގަކަށް 275 ކްރޯޑު ރުޕީސް (32 މިލިއަން އެމެރިކާ ޑޮލަރު) ހުށަހެޅުމާ ގުޅިގެންނެވެ.

މިހާތަނަށް ރިލީޒްކުރި ވިޖޭގެ ގިނަ ފިލްމުތަކަކީ ބްލޮކްބާސްޓާ ފިލްމުތަކަކަށްވުމާ އެކު އިންޑިއާގެ އެންމެ އަގު ބޮޑު ތަރީގެ ޝަރަފު ވިޖޭއަށް ލިބުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. މިދިޔަ އަހަރު ވިޖޭގެ ދެ ފިލްމެއް ރިލީޒްކުރިއިރު 2019 ވަނަ އަހަރުން ފެށިގެން ނެރުނު ވިޖޭގެ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތަކެކެވެ.

ވިޖޭގެ ފިލްމު "ތަލަޕަތީ 69"ގެ ޕޯސްޓަރު--ފޮޓޯ/ޓައިމްސްނިއު

އޭގެ ތެރޭގައި 2019 ވަނަ އަހަރު ރިލީޒްކުރި "ބިގިލް"، 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މާސްޓަ" އަދި 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބީސްޓް" ހިމެނެއެވެ. ވިޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް"އިންނެވެ.

ވިޖޭގެ ކެރިއަރުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފިލްމު "ތަލަޕަތީ 69"އަކީ ވިޖޭގެ ސިޔާސީ ހަޔާތުގެ އެއްވެސް އަސަރެއް ފިލްމުގައި ނުހުންނާނެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

comment ކޮމެންޓް