އާރަށު މައްސަލައިގައި ޔާމީންގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ޔާމީންގެ ޖަލު ހުކުމުގެ މައްސަލަ އަލުން ބަލާއިރު އަންނަ ހޯމަ ދުވަހަށް ޝަރީއަތް ވަނީ ތާވަލުކޮށްފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރުމުގެ ދައުވާތައް އަލުން ބަލާއިރު، އަންނަ ހޯމަ ދުވަހަށް ޝަރީއަތް ތާވަލުކޮށްފިއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާތައް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

އޭގެ ފަހުން، ވެރިކަން ބަދަލުވެ މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ. އެ މައްސަލައިގައި ދެން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް އެ ކޯޓުން މިނިވަންކުރިއެވެ.

ނަމަވެސް، ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގައިފައެވެ.

ފެށޭ ހަފުތާގެ ހޯމަ ދުވަހުގެ ތާވަލު ކްރިމިނަލް ކޯޓުން އާއްމުކުރިއިރު ޔާމީންގެ މައްސަލަ ތާވަލުކޮށްފައި ވަނީ ހެނދުނު 09:00 އަށެވެ.

ޔާމީންގެ މައްސަލަ އަލުން ބަލަން ފަށާފައިވާއިރު، މިދިޔަ މަހުގެ 21 ގައި އެ ކޯޓުން ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި އެ ކޯޓުން ވަނީ ޔާމީންގެ މައްސަލައިގެ ޝަރީއަތްތައް މި ފަހަރު ވެސް ލައިވްކޮށްގެން ކުރިއަށް ގެންދަން ނިންމާފައެވެ.

އެގޮތުން ހޯމަ ދުވަހުގެ ޝަރީއަތް، ޔޫޓިއުބް ލައިވް ކުރާގޮތަށް ތާވަލުގައި ވަނީ ހިމަނާފައެވެ.

ޔާމީންގެ މައްސަލައިގައި ދަށު ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައި ހުކުމާ ހަމައަށް ވާސިލުވިތާ ހަތަރު މަސް ފަހުން ހައިކޯޓުން މިިދިޔަ އޭޕްރީލް މަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓު މަރުހަލާގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށްފައެވެ.

އެ މައްސަލަ ދަށު ކޯޓުގައި ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެ ފަހަރުގެ ޝަރީއަތްތައް ކުރިއަށް ދިޔައިރު ވެސް ޔާމީންގެ ފަރާތުން އެދިގެން ދަށު ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްފައެވެ.

ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.

މި މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއްފަރާތްކޮށް އަލުން މައްސަލައިގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވިޔަސް އަދި މައްސަލައިގެ އަޑުއެހުންތަކެއް ނުފަށައެވެ.

comment ކޮމެންޓް