މުދަލު ޒަކާތް ބަހަން ފަށައިފި؛ ބޮލަކަށް 4،000 ރުފިޔާގެ ރިކޯޑު އަދަދެއް

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބަހަންފަށައިފި--- ފޮޓޯ/ މޯލްޑިވްސް ޒަކާތު ހައުސް

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބަހަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން ބުނެފައިވަނީ ނިމިދިޔަ 2021 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު ރިވިއުކުރުމަށް ފަހު، ޝަރުތުހަމަވާ މީހުންނަށް ފައިސާ ޖަމާކުރަމުން ދަނީ އެ މީހުންގެ ބޭންކް އެކައުންޓުތަކަށް ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެއާއި އަތޮޅުތަކުން ޖުމްލަ 3،183 މީހުންނަށް ބޮލަކަށް 4،000 ރުފިޔާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރެވެ.

މީގެ ކުރިން، 2013 ވަނަ އަހަރު ބޮލަކަށް 3،500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3،000 ރުފިޔާއެވެ. އަދި، 2021 ވަނަ އަހަރު މުދަލު ޒަކާތް ބަހާފައިވަނީ ބޮލަކަށް 2،700 ރުފިޔާއެވެ.

ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ސީދާ ގޮތުންނާއި ނުސީދާގޮތުން އެކި ހޭދަތަށް ކުރެވިގެންދާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. އެގޮތުން، ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޚާއްސަ ޙާލަތާއި ކުއްލި ޙާލަތު މެދުވެރިވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

މި އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 9،353.40 ރުފިޔާއެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

comment ކޮމެންޓް