ބަރަބޯ މާ: ބަރުދަން ލުއިކުރަން އެހީއެއް

ބަރަބޯ މާތަކެއް--ފޮޓޯ/ޕިންޓްރެސްޓް

ގޭގައި ހައްދާފައި ހުންނަ ވަރަށް އާދައިގެ މޭވާ ނުވަތަ ތަރުކާރީގެ ބާވަތެއްގެ ގަހަކުން ވެސް ތައްޔާރުކުރާ ކެއުންތަކެއް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ގަސްގަހުގައި އަޅާ މަލަކީ ވެސް ކެއުމުގައި ހިމަނާލެވޭ މުހިއްމު ސިއްހީ މާއްދާތަކެއް އެކުލެވޭ ބާވަތެއްކަން އެނގޭހެއްޔެވެ؟

ގޭގައި ޖާގަ ބޮޑު ނޫނަސް ވަރަށް ފަސޭހައިން ހައްދާލެވޭ އެއް ބާވަތަކީ ބަރަބޮލެވެ.

ބަރަބޯ ވެލުގައި އަޅާ މަލަކީ ކެއުމުގައި ހިމަނާލެވިދާނެ ވަރަށް މުހިއްމު ބާވަތެކެވެ. ބައެއް ގަސްގަހުގައި އަޅާ މާ ތަކަކީ ހަމައެކަނި ތައްޔާރުކުރާ ކެއުމުގެ ޑެކަރޭޝަންއަށް ބޭނުންކުރާ މާތަކަކަށްވީ ނަމަވެސް ބަރަބޯ ވެލުގައި އަޅާ މަލަކީ ދެ ގޮތަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.

ކެއުމަކަށް ތައްޔާރުކޮށްފައިވާ ބަރަބޯ މާތަކެއް--ފޮޓޯ/ޕިންޓްރެސްޓް

ބަރަބޯ މަލަކީ އޭގެ ޒާތުގައި ހަކުރުގެ މާއްދާ އަދި ކޮލެސްޓްރޯލް މާއްދާ އެއްވެސް ވަރަކަށް ހުންނަ ބާވަތެއް ނޫނެވެ. ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ މި މަލަކީ މަތީ އަދަކަކަށް އެތަކެއް ވިޓަމިންސްއާއި މިނަރަލްސް އެކުލެވޭ މަލެކެވެ.

ބަރަބޯ މަލުގައި ގާތްގަނޑަކަށް 90 އިންސައްތައަށް ފެނުގެ މާއްދާ އެކުލެވޭތީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އެންމެ ރަނގަޅަށް ހޯދުމަށް ގިނަ އަދަދަކަށް މީގެ މާތައް ކެއުމުގައި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

އާއްމުކޮށް ކެއުންތަކުގައި ހުންނަ ސެޗުރޭޓެޑް ފެޓާއި ސޯޑިއަމް ދަށް މި މަލަކީ ކެލްސިއަމް، އަޔަން، ނިއަސިން، މެގްނީސިއަމް، ރިބޯފްލެވިން، ވިޓަމިން އޭ، ވިޓަމިން ސީ، ތިއަމިން، ޕޮޓޭސިއަމް އަދި ފޮސްފަރަސް މަތީ އަދަދަކަށް އެކުލެވޭ މަލެކެވެ. ޚާއްސަކޮށް މާބަނޑު ދުވަސްވަރު އަންހެނުންގެ ކެއުމުގައި ވެސް މިއީ ހިމަނާލެވިދާނެ މުހިއްމު ބާވަތެކެވެ.

ކެއްކުމަށް ބޭނުންކުރުން އެންމެ ރަގަޅީ ބަރަބޯ މަލުގެ ފިރިހެން ވައްތަރު--ފޮޓޯ/ފޭސްބުކް
މި މާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ މުހިއްމު ކެއުންތަކުގެ ތެރޭ ތަފާތު އެކި ވައްތަރުގެ ސެލެޑް، ސޫޕް އަދި ހިކިކޮށް ތައްޔާރުކުރާ ތަރުކާރީގެ ބައެއް ސައިޑް ޑިޝް ހިމެނެއެވެ. އާއްމު ގޮތެއްގައި ބާޒާރުން ވެސް ފެންނަން ހުންނަ މަލަކީ ބަރަބޮލުގެ ފިރިހެން ބާވަތުގެ މަލެވެ.

މިއީ ދެ ޖިންސަކަށް ބަހާ ނަންދެވިފައިވާ ގަހެއްކަމުން އަންހެން ބަރަބޯ މަލަކީ ކެއުމުގައި ބޭނުންކުރާ މަލެއް ނޫނެވެ. ސަބަބަކީ އަންހެން ބަރަބޯ މާ ފޮޅުމަށް ފަހު ބަރަބޯ އެއާ އެކުވެފައި ހުރުމެވެ. އެ މާ ބިނދެލައިފިނަމަ ކެއްކުމަށް ބޭނުންވާ ބަރަބޯ ވެލުގައި ނާޅާނެއެވެ.

comment ކޮމެންޓް