ހެއްވާ މަޖާ ފިލްމު "ބޭޑް ނިއުސް"ގެ ބަތަލާ އަނެއްކާ ވެސް ބެލުންތެރިން ހެއްވާލާނެ ރޯލެއް ކުޅެފައިވާ ފިލްމު "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.
ތުރިޕްތީއާ އެކު ލީޑް އެކްޓަރެއްގެ ގޮތުގައި ރާޖްކުމާރު ރާއޯ ފެންނާނެ މި ފިލްމަކީ، މަގުބޫލު ފިލްމު "ޑްރީމް ގާލް" ގެނެސްދިން ރާޖް ޝާންދަލިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ހިނގާ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ގެނެސްދޭނީ އެކްތާ ކަޕޫރުގެ ބާލާޖީއާއި ޕްރޮޑިއުސަރު ބޫޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެންނެވެ.
ތުރިޕްތީއާއި ރާޖްގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ބަތަލާ މަލީކާ ޝެރާވަތު ފެންނާނެއެވެ. މީގެ އިތުރުން, އާއްމުކޮށް ހެއްވާ މަޖާ ރޯލްތަކުން ފެންނަ ތަރިން ކަމަށްވާ އަރްޗަނާ ޕުރާން ސިންގް، ވިޖޭ ރާޒް، ރާކޭޝް ބެދީ އަދި މުކޭޝް ތިވާރީ ފަދަ ތަރިން މި ފިލްމުގެ ރޯލްތަކުން ފެންނާނެއެވެ.
މި ފިލްމުގެ ވަރަށް ޚާއްސަ ލަވަތަކަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ 'ބިގް ބޮސް' ރިއަލިޓީ ޝޯގެ ތަރި ޝެހެނާޒް ގިލް އަދި ލަވަކިޔުންތެރިޔާ ޑެލަރު މެހެދީ ވެސް ފެންނާނެއެވެ.
މި ފިލްމަކީ އާއިލާގެ މެންބަރުންނާ އެކު ވެސް ބަލާލެވޭނެ ފިލްމެއް ކަމަށާއި ބެލުންތެރިންގެ ހިނިގަނޑު ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
ރާޖްކުމާރު ރާއޯގެ އެންމެ ފަހުން ރިލީޒްވި ފިލްމު "އިސްތިރީ 2"އަށް އަދިވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ފިލްމަކީ ވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާނެ ފިލްމެއް ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.