ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު މިހާތަނަށް ދޫކޮށްފި

ފަޤީރުންނާއި މިސްކީނުންގެ މާލޭ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ފުދުންތެރިކަން ކުޑަ އާއިލާތަކަށް ގިފްޓް ކާޑުތަކެއް ދިނުން -- ފޮޓޯ/ ޒަކާތު ހައުސް

މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޖުމްލަ 16.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ސީދާ ގޮތުންނާއި ނުސީދާގޮތުން އެކި ހޭދަތައް ކުރެއެވެ. އެ ގޮތުން ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޚާއްސަ ހާލަތާއި ކުއްލި ހާލަތު މެދުވެރިވެރިވާ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

މީގެ އިތުރުން، ޒަކާތު ހައުސްއިން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބަހަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން 2021ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށް ފަހު، ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެ ފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ޒަކާތު ހައުސްއިން ވަނީ މިދިޔަ ހަތަރު އަހަރު މުދަލު ޒަކާތުގެ ގޮތުގައި ނަގުދު ފައިސާ ބެހި ގޮތުގެ ތަފުސީލު އާންމުކޮށްފައެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ތިން އަހަރަށްވުރެ، މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ބޮލަކަށްޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އަހަރަކަށްވުރެ އަހަރަކު ބޮލަކަށްޖެހޭ ފައިސާގެ ނިސްބަތް އިތުރުވަމުން އަންނަކަން އެ އަދަދުތަކުން އެނގެއެވެ.

  • 2024ވަނަ އަހަރު ބޮލަކަށް ޖެހިފައިވަނީ 4،000 ރުފިޔާ
  • 2023ވަނަ އަހަރު ބޮލަކަށް ޖެހިފައިވަނީ 3،500 ރުފިޔާ
  • 2022ވަނަ އަހަރު ބޮލަކަށް ޖެހިފައިވަނީ 3،000 ރުފިޔާ
  • 2021ވަނަ އަހަރު 2،700 ރުފިޔާ

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 9353.40 ރުފިޔާ އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

comment ކޮމެންޓް