ޑައިމޯފިން ބޭނުންކުރި މުވައްޒަފަކު ތިން އަހަރަށް ޖަލަށްލައިފި

ކްރިމިނަލް ކޯޓު: ޑައިމޯފިން ބޭނުންކުރި މުވައްޒަފަކު ތިން އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ ށ. މިލަންދޫ، ބުލޫހައުސް، ޔޫސުފް ހުސާމްގެ މައްޗަށެވެ.

ދައުވާގައި ބުނެފައިވަނީ 18 މެއި 2019ވަނަ ދުވަހު 21:45ހާއިރު، ރ. ހެރެޓަންސް އާރަށް ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު މަސްތުވާތަކެތު ގެންގުޅޭ ކަމަށް އެ ރިޒޯޓުގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ. އެއާ އެކު ފުލުހުން އެ ރަށަށް ދިޔައިރު، ހުސާމް އިނީ އެ ރިޒޯޓުގެ ސެކިއުރިޓީ ރޫމުގައި ރަސްލީ ބްރޭންޑުގެ ސުޕާރީ ފޮށްޓެއް ހިފައިގެން ކަމަށާއި ފޮށި ބަލައިފާސްކުރިއިރު، އޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ރަބަރު ޕެކެޓުގައި ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯޓާ ހަވާލާދީ ދައުވާގައި ވަނީ ބުނެފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ފުރަތަމަ ހުސާމް ދައުވާއަށް އިންކާރުކުރި ނަމަވެސް ފަހުން އޭނާވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.

އޭނާގެ ފަރާތުން ކޯޓުގައި އެދުނީ ޣާޒީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެންމެ ކުޑަ އަދަބު ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ، ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވުމުން ތިން އަހަރަށް ޖަލަށްލުމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ޑައިމޯފިން އަދި ކެނެބިސް ބޭނުންކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ތިން އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިއިން ބާވަތެއްގެ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމާއި އެ ކަމުގައި އެހީތެރިވުމުގެ ކުށަށް ލިބޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

comment ކޮމެންޓް