ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ބީއެމްއެލްއިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ ޕްރޮގްރާމެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ވަނީ މި އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށާއި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ބޭންކުގެ ވެބަސްއިޓް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް