ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރާ މައްސަލައިގައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ސައްހަ ނޫން ބަޔާނެއް މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިފަހުން ސޯޝަލް މީޑިއާގައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓެއް ކަމަށް ބުނެ ސައްހަ ނޫން ރިޕޯޓެއް ފަތުރައިފައެވެ.
މިމަހުގެ ތިނެއްގައި ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެ ތަހުގީގާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ބުނީ، މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ، ޔާމީން ހައްޔަރުކުރުމަށް ނެރުނު ކަމަށް ބުނާ ސައްހަ ނޫން ކޯޓު އަމުރަކާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓް ކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.
އެ ރިޕޯޓާ ގުޅޭ ގޮތުން ފުލުހުން ބެލި ބެލުމުން، އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރިޕޯޓުގައި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓުތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ތޮއްޔިބު ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ މާޗް މަހު ހައްޔަރުކުރިއެވެ. ނަމަވެސް އެ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހައިކޯޓުން އަމުރުކޮށްގެން އޭނާ ދޫކޮށްލުމުން އޭނާ ސްރީލަންކާއަށް ދިރިއުޅުން ބަދަލުކުރިއެވެ.
ސްރީލަންކާގައި ދެ އަހަރު ދުވަހު އުޅުމަށްފަހު އޭނާ އަލުން ރާއްޖެ އައީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ ސަރުކާރުގައި އޭނާ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކޮށްފައިވެއެވެ.