މެލޭޝިޔާގެ ކުޑަކުދިންގެ ހިޔާތަކެއްގައި ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު؛ 402 ކުއްޖަކު ސަލާމަތްކޮށްފި

ޖިންސީ ގޯނާގެ ޝިކާއަރައަކަށްވެފައިތިބި ކުދިން ތިބި ބައެއް ވެލްފެއާ ގެތައް. ފޮޓޯ/ދަ ސްޓާ

މެލޭޝިއާގައި ކުދިން ބަލަހައްޓާ ގެތަކެއްގައި ޖިންސީ ގޯނާކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެ ގެތަކުން 402 ކުދިން ސަލާމަތްކޮށްފިއެވެ.

އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް ރަޒާރުއްދީން ހުސެއިން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލައި ފާސްކުރީ، ތަފާތު ވިޔަފާރިތައް ކުރާ އެގައުމުގެ ބޮޑު ކުންފުންޏެއް ކަމަށްވާ ގްލޯބަލް އިޚްވާން ސާވިސަސް އެންޑް ބިޒްނަސް ހޯލްޑިންގްސް އިން ހިންގާ ވެލްފެއާ ގެތަކެވެ. އެގޮތުން މެލޭޝިއާގެ ސެލަންގޯ ސްޓޭޓްގެ 18 ގެއަކާއި ދެކުނު ނެގޭރީ ސެމްބިލާން ސްޓޭޓްގެ ދެ ގެއަކުން އެއް އަހަރާއި 17 އަހަރާ ދެމެދުގެ 201 ފިރިހެން ކުދިންނާއި 201 އަންހެން ކުދިން ސަލާމަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި 171 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި 66 ފިރިހެނުންނާއި 105 އަންހެނުން ހިމެނޭ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީން ކިޔަވައިދޭ މުދައްރިސުންނާއި ކުދިން ބަލަހައްޓާ މީހުންވެސް ހިމެނެއެވެ.

އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ހަމައެކަނި ކުދިން ބަލަހައްޓާ މީހުން ނޫން ކަމަށާއި އެކަކު އަނެކަކަށް ގޯނާކުރަން މަޖުބޫރުކޮށްފައިވާ ކަމަށްވެސް ރަޒާރުއްދީން ވިދާޅުވިއެވެ.

އެ ތަންތަނުގައި ތިބި ބަލި ކުދިންނަށް ބޭސްފަރުވާ ހޯދުމުގެ ހުއްދަ ނޯންނަކަމަށާއި، ސަމުސާ ފަދަ ތަކެތި ހޫނުކޮށްފައި ކުދިންގެ ގައިގައި ޖައްސާ ފިއްސާލާފައިވެސް ހުރި ކަމަށް ވެސް ރަޒާރުއްދިން ހާމަކުރެއްވިއެވެ. އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ފިހިފައިވާ ތަންތަނާއި އަނިޔާ ލިބިފައިވާ ތަންތަން ބަލަނީ ކަމަށް ބުނެއެވެ.

ތަހުގީގުތަކުން ދައްކާ ގޮތުގައި ވެލްފެއާ ހޯމްތަކުގައި ތިބި ކުދިންނަކީ ތުއްތު އިރުއްސުރެ މައިންބަފައިން އެ ގެތަކުގައި ބައިތިއްބާފަތިބި ކުދިންނެވެ. އަދި ތަހުގީގުތައް ކުރިއަށްދާއިރު، އެކުދިންގެ މެޑިކަލް އެސެސްމަންޓް ހަދާނެ ކަމަށް ވެސް ރަޒާރުއްދީން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގްލޯބަލް އިޚްވާނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ދޮގުކޮށްފައެއްނުވެއެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން ގްލޯބަލް އިޚްވާން އުފެއްދީ 1994 ވަނަ އަހަރު ބިދުޢަވެރިއެއްގެ ގޮތުގައި ބަލައި ސަރުކާރުން މަނާކުރި އިސްލާމީ މަޒުހަބު އަލް އަރްޤާމްގެ އިސްވެރިޔާ އަޝާރީ މުހައްމަދެވެ. އޭގެފަހުން 2010 ވަނަ އަހަރު އަޝާރީ މަރުވި ފަހުން އެ ކުންފުންޏަށް އެކި ފަހަރު މަތިން ބަދަލު ގެނެސް، ރީބްރޭންޑް ކޮށްފައިވެއެވެ.

ގްލޯބަލް އިޚްވާންއަކީ ކާބޯތަކެއްޗާއި މީޑިއާ، ބޭސްފަރުވާ، ޓްރެވަލް އަދި ޕްރޮޕަޓީ ފަދަ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވެސް ވެބްސައިޓްގައިވެއެވެ. އެ ޖަމާއަތުގައި 5،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާއިރު، ލަންޑަން، ޕެރިސް، އޮސްޓްރޭލިއާ އަދި ދުބާއީ ފަދަ ތަންތަންނ ހިމެނޭހެން 20 ގައުމެއްގައި ކުންފުނީގެ ބްރާންޗްތައް ހުރެއެވެ.

comment ކޮމެންޓް