މ. ރަތްމަންދޫ ރައްޔިތުން ބޭނުންވަނީ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭން ޖާގަ ލިބޭނަމަ އެ ތަނަށް ބަދަލުވާން ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު 'ސަން'އަށް ވިދާޅުވީ، އެ ރަށުގެ ރަޖިސްޓްރީގައި ތިބި އުމުރުން 18 އަހަރުން މަތީގެ 114 އެއްހާ މީހުން ސޮއިކޮށް، އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ޕެޓިޝަނާ ހަވާލާދީ ނާހިދު ވިދާޅުވީ، ޕެޓިޝަނުގައި ސޮއިކުރި އެތައް މީހުންނަކީ ރަށުގައި ދިރިނޫޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތައް ކަމަށާއި އެހެން ތަނަކަށް ބަދަލުވާން އެދިފައިވަނީ ރަށުން އަސާސީ ގިނަ ޚިދުމަތްތައް ނުލިބޭތީ ކަމަށް ބުނެ ކަމަށެވެ.
އެހެންވެ، އެ ޕެޓިޝަނަށް ވާހަކަދެއްކުމަށް ކައުންސިލުގައި ބައްދަލުވުމެއް ބާއްވައި، ނިންމީ ޕެޓިޝަނުގައި އޮތް ގޮތަށް ސަރުކާރަށް ހުށަހެޅުމަށް ކަމަށް ނާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، އެ ޕެޓިޝަންގައި ކުދި އާބާދީތަކަށް ސަރުކާރުގެ ވިސްނުން ހުރި ގޮތް ހޯދަން ވެސް އެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޖާގަ އޮތްނަމަ ރަސްމާލެއަށް ބަދަލުވާން އެދި ޕެޓިޝަންގައި އޮތީ،" އޭނާ ވިދާޅުވިއެވެ.
އިތުރަށް ނާހިދު ވިދާޅުވީ، ސަރުކާރަށް ޕެޓިޝަނެެއް ހުށަހަޅާފައިވީ ނަމަވެސް އެ ކަމުގައި އެދިފައިވަނީ ޕެޓިޝަންގައިވާ ގޮތަށް އެ ފުރުސަތު ފަހިވާނީ ކިހާވަރަކަށްތޯ ބެލުމަށް ކަމަށެވެ.
އޭގެ އިތުރުން، ޕެޓިޝަންގައި އޮތް ގޮތުން މުޅި ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ދޭހަވި ނަމަވެސް، ބަދަލުވާން ބޭނުންނުވާ މީހުން ވެސް އެބަތިބިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ރަތްމަންދޫގެ ރަޖިސްޓްރީގައި 240 އެއްހާ މީހުން ތިބިއިރު، މިހާރު އެ ރަށުގައި އުޅެމުން އަންނަނީ 100 އެއްހާ މީހުންނެވެ. ޕެޓިޝަންގައި އަސާސީ ގިނަ ޚިދުމަތްތައް އެ ރަށުން ނުލިބޭ ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، އެ ރަށުގައި ދަށީ ހަމައެކަނި ތައުލީމުގެ ފެންވަރު ކަމަށް ކައުންސިލްގެ ރައީސް ދެކިލައްވައެވެ.
ރަށުގައި އޮންނަ ޖެޓީން ރައްޔިތުންނަށް މެނޭޖުކުރެވުނު ނަމަވެސް އެ ރަށުގައި ބަނދަރެއް އަދި ނެތް ކަމަށާއި އެކަމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެއަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އީކޯ-ފްރެންޑްލީކޮށް ތަރައްގީކުރާ ރަސްމާލެއާއި މާލެއާ ގުޅުވައިލާނީ ވެސް ކަނޑު އަޑީގެ ޓަނަލަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެކަމަކު، ރަސްމާލެ ހިއްކާ ނިންމަން ސަރުކާރުން ކަނޑައެޅި ތާރީޚަށް ވުރެ އެތައް ދުވަހެއް ވަނީ ފާއިތުވެގެން ގޮސްފައެވެ.
ހދ. ހިރިމަރަދޫ މީހުން ކ. ތުލުސްދޫއަށް ބަދަލުވާން އެދި ވެސް މި ފަހުން އެ ރަށު ކައުންސިލުން ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައެވެ.