ހޯމް މިނިސްޓްރީގެ ޕީއެސްކަމުން އިސްތިއުފާދެއްވި ހިންނާއަށް ފޮރިންގެ ޑެޕިއުޓީ މިނިސްޓަރުކަން

ހޯމް މިނިސްޓްރީގެ ޕީއެސްކަމުން އިސްތިއުފާދެއްވި ހިންނާ ޚާލިދު: އޭނާ ވަނީ ފޮރިންގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފައި-- ފޮޓޯ/ ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުން އިސްތިއުފާދެއްވި ހިންނާ ޚާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަނުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހިންނާ އައްޔަންކުރީ ޖޫން 6، ގައެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ނަމަވެސް އިސްތިއުފާދެއްވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހިންނާ ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަނުކުރައްވާފައެވެ.

އޭނާ ވަނީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަންކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން، ހިންނާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

ހިންނާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.

ހިންނާ ފާހަގަކުރެވިފައިވަނީ މީގެ ކުރިން ތަފާތު ރިސާޗު ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ މީހެއްގެ ގޮތުގައެވެ. އެގޮތުން، އޭނާ ވަނީ ޑިޕްލޮމާއިން ސޯޝަލް ސައިންސް ރިސާޗް އަދި ޑިޕްލޮމާ އިން ޕީއެޗްސީ މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ.

comment ކޮމެންޓް