އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފިއެވެ.
މިކަން އެމެރިކާއިން ހާމަކޮށްފައިވަނީ ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗެއްގައި އެމެރިކާއިން ނިއުޒީލަންޑް ރޭ ބައްދަލުކުރި މެޗުގެ 30 މިނެޓް ކުރިންނެވެ.
އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ ބުނީ މިއީ އޭނާއަށް ދޫކޮށްލެވޭނެ ފަދަ ފުރުސަތެއް ނޫން ކަމަށެވެ. އެގޮތުން އެމެރިކާ ޓީމާ ހަވާލުވީ ހަމައެކަނި ފުޓްބޯޅައަށް ވިސްނާފައިނޫން ކަމަށާއި އެމެރިކާއިން ފުޓްބޯޅައިގައި ކުރިއެރުމަށް ކުރަމުންދާ ދަތުރުގެ މިސްރާބާއި މުހިންމުކަން ވެސް ފާހަގަވުމުން ކަމަށް އޭނާ ބުންޏެވެ.
ޕޮޗެޓީނޯ ހާމަކުރިގޮތުގައި އެމެރިކާގެ ޓީމުގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި އަދި ކާމިޔާބީ ހޯދޭނެފެންވަރުގެ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އަދި އެހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ ގުޅިގެން އެމެރިކާއިން ފަޚުރުވެރިވާ ވަރުގެ ޚާއްސަ ޓީމެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.
ޕޮޗެޓީނޯއަށް މިމަގާމު ހަވާލުކޮށްފައިވަނީ އެމަގާމުގައި ކުރިން ހުރި ގްރެގް ބާހޯލްޓާ ޖުލައި މަހު މަގާމުން ވަކިކުރުމަށްފަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް މަރުހަލާއިން އެމެރިކާ ވަކިވާން ޖެހުމާ ގުޅިގެންނެވެ.
އެމެރިކާއިން އާ ކޯޗެއް ބެލުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޔޫއެސް ސޮކާގެ ސްޕޯޓިން ޑިރެކްޓާ މެޓް ކްރޮކާއެވެ. އޭނާވަނީ ޕޮޗެޓީނޯ އިންގްލިޝް ޕްރިމިއާ ލީގުގެ ސައުތެމްޕްޓަންއަށް ކޯޗު ކޮށްދިންއިރު އެޓީމުގައި ހަރަކާތްތެރިވެފައެވެ.
ކްރޯކާ ސިފަކުރިގޮތުގައި ޕޮޗެޓީނޯއަކީ ސީރިއަލް ވިނާއެކެވެ. އަދި އޭނާއަކީ ކުޅުންތެރިންގެ ކުޅުން ރަނގަޅުކުރުމަށް އެހީތެރިވެދޭ އަދި ވަރުގަދަ ވާދަވެރި ޓީމު އުފެއްދުމުގައި ފާހަގަކޮށްލެވޭ ކޯޗެކެވެ.
ޕޮޗެޓީނޯ ކޯޗުކޮށްދީފައިވާ ޓީމުތަކަށް ބަލައިލާއިރު އެންމެ ގިނަ ބަޔަކަށް ފާހަގަ ވެގެންދާނީ އޭނާ ޓޮޓްނަމް ހޮޓްސްޕާގައި ހޭދަކުރި ދުވަސްވަރެވެ. ޕޮޗެޓީނޯއަށް ސްޕާސްއާއެކު ތަށްޓެއް ކާމިޔާބު ކުރެވޭގޮތް ނުވި ނަމަވެސް ވަރުގަދަ ޓީމެއް ވަނީ އުފައްދަދީފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކަށް ވެފައިވަނީ 2019 ވަނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރުމެވެ.
އޭގެ ފަހުން ޕޮޗެޓީނޯވަނީ ޕެރިސް ސެއިންޓް ޖާމެއިންގެ ކޯޗުކަމާއި ހަވާލުވެ އެޓީމާއެކު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭނާ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ ޗެލްސީއަށެވެ. އެމެރިކާއިން ޕޮޗެޓީނޯ އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައިމިވަނީ 2026 ވަނަ އަހަރު ކެނެޑާ އާއި މެކްސިކޯ އާއި ގުޅިގެން އެމެރިކާއިން ފީފާ ވާރލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އެހެން ކަމުން ޕޮޗެޓީނޯއަށް އޮންނާނެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ވަރުގަދަ ޓީމެއް ބިނާކުރުމެވެ.