މި ހަފުތާގައި އަލަތު ދަރިފުޅު ލިބުނު ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯންގެ އާއިލާއަށް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ އިހުތިރާމުގެ ޒިޔާރަތެއްކޮށްފިއެވެ.
މުކޭޝް އަމްބާނީގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ އެކްޓަރުން އަދި ދެމަފިރިންގެ ތުއްތު އަންހެން ކުއްޖާއަށް މުކޭޝް އަމްބާނީ ޒިޔާރަތްކޮށްފައިވަނީ އެ އާއިލާއަށް ލިބުނު އުފާވެރި ދަނޑިވަޅުގައި އެ ކަމަށް މަރުހަބާ ކިޔާ، އުފަލުގައި ބައިވެރިވުމުގެ ގޮތުންނެވެ.
މުކޭޝް އަމްބާނީގެ އާއިލާއިން މި އަހަރު ބޭއްވި ތާރީޚީ ކައިވެނީގެ ހަފުލާތަކުގައި ވެސް އެންމެ ހަރަކާތްތެރިކޮށް ފެނުނު އެއް ފިލްމީ ތަރިއަކީ ރަންވީރު ސިންގްއެވެ. މީގެ އިތުރުން، ރަންވީރަކީ މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ވަރަށް ގާތް މީހެކެވެ.

ދީޕިކާގެ ދެމަފިރިން މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާގައި އެ އާއިލާގެ ދޮށީ ދަރިފުޅު އާކާޝް އަމްބާނީއާ އެކު--ފޮޓޯ/ޕިންކްވިލާ
މުކޭޝް އަމްބާނީގެ އިތުރުން ވެސް ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ދީޕިކާއަށް ކުއްޖަކު ލިބުމުން އެކަމާ އުފާފާޅުކޮށް ތަހުނިޔާއާއި މުބާރަކްބާދީގެ މެސެޖުތައް ރައްދުކޮށްފައެވެ. ހަމައެއާ އެކު ދެ ތަރިންގެ ސަޕޯޓަރުން އަންނަނީ މި ދެ ތަރިންގެ އަލަތު ދަރިފުޅަށް ކިޔާނެ ނަމަކާ މެދު ވެސް ހޫނު ބަހުސްތަކެއް ސޯޝަލްމީޑިއާގައި ކުރަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ދީޕިކާ ވިހާފައިވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ރިލަޔަންސް ހޮސްޕިޓަލުގައެވެ. މިއީ މުކޭޝް އަމްބާނީގެ ކޮއްކޮ އަނިލް އަމްބާނީގެ ހޮސްޕިޓަލެކެވެ. ދީޕިކާ އަދިވެސް ހޮސްޕިޓަލުން ދޫކޮށްލާފައިނުވާއިރު ބަތަލާ ވިހެއުމާ ގުޅިގެން ރަންވީރު ވަނީ ފިލްމީ މަސައްކަތްތަކުން ކުޑަ ބްރޭކެއް ނަގާފައެވެ. ރަންވީރު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.
comment އައްޔަ19
7 month 1 week ago
"އިހުތިރާމުގެ ޒިޔާރަތެއް" ކޮށްފިޔޭ؟ ތީ ދެން ތަންކޮޅެއް ބޮޑު ވަރެއްނު ކަނބުލޯ؟ ތިމާގެ ބުއްދި އާއި އިލްމާއި ހުނަރު ނިޔާ ކުރާ ދަރަޖައިގެ ކަންކަން ކޮށްބަލަ؟ ނޫސްވެރިކަން ކުރާހައި ތެތްކަމެއް ތި ސިކުނޑިއަކު ނެތް. އިހުތިރާމުގެ ޒިޔާރަތޭ ދިވެހި ބަހުގައި ކިޔަނީ ދައުލަތަކުން އެހެން ދައުލަތަކަށް ކަނޑައަޅައިފައި ހުންނަ ސަފީރަކު ނުވަތަ މަންދޫބަކު ނުވަތަ އެނޫން ވެސް އިއްޒަތްތެރިޔަކު، އެ ދައުލަތެއްގެ އިސް ވެރީންނަށް - ރަސްގެފާނު ނުވަތަ ރައީސް ނުވަތަ ބޮޑުވަޒީރު ފަދަ - ހަމައެކަނި ބައްދަލު ކޮށްލުމުގެ ނިޔަތުގައި، ރަސްމީ އިތުރު މަސައްކަތެއް އެޖެންޑާގައި ނުހިމެނޭ ގޮތުން، ކުރާ ޒިޔާރަތަށް.