ޑައިރެކްޓަރު އަނީޒް ބަޒްމީ 2005 ވަނަ އަހަރު ގެނެސްދިން ރޯމޭންޓިކް ކޮމެޑީ "ނޯ އެންޓްރީ"ގެ ސީކުއަލް "ނޯ އެންޓްރީ 2"ގެ ބަތަލާގެ ރޯލަށް ތަމަންނާ ބާޓިއާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން "ނޯ އެންޓްރީ 2"ގައި ތަމަންނާ ކުޅޭނީ 2005 ވަނަ އަހަރުގެ ފިލްމުގައި ބަތަލާ ބިޕާޝާ ބާސޫ ކުޅުނު ރޯލާ ދާދި އެއް ކަހަލަ ރޯލެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގް މޫންގައި ބުނެފައިވާ ގޮތުން ތަމަންނާ "ނޯ އެންޓްރީ 2"ގެ ޓީމާ ގުޅިފައިވާއިރު ބަތަލާ ފިލްމަށް ނަގާފައި ވަނީ ކާސްޓުގެ ލީޑިންގް ބަތަލާގެ ގޮތުގައެވެ. ފިލްމު "ނޯ އެންޓްރީ 2"އަށް ތަމަންނާ ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު ބަތަލާ ވަނީ އެކްޓަރު އަޖޭ ދޭވްގަންއާ އެކު ފިލްމު "ރޭންޖާ"ގެ މަސައްކަތް ވެސް ފަށާފައެވެ.

ފިލްމު "ނޯ އެންޓްރީ 2"ގެ ލީޑް އެކްޓަރުން ކަމަށްވާ އަރުޖުން ކަޕޫރު، ދިލްޖީންތު ދޮސާންޖު އަދި ވަރުން ދަވަން--ފޮޓޯ/ޕިންކްވިލާ
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން ތަމަންނާގެ އިތުރުން ފިލްމުގެ ދެވަނަ ލީޑިންގް ބަތަލާގެ ރޯލަށް ގެންނަން ނިންމާފައި ވަނީ އަދިތީ ރާއޯ ހައިދަރީއެވެ.
އަދިތީގެ ފަރާތުން ފިލްމާ ގުޅޭގޮތުން ވަކި ޖަވާބެއް ދީފައި ނުވާއިރު ފިލްމަށް ބަތަލާ ގެނައުމަށް ދެ ފަރާތުން ވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ނޯ އެންޓްރީ 2"ގެ ލީޑް އެކްޓަރުންގެ ލިސްޓުގައި ވަރުން ދަވަން، އަރުޖުން ކަޕޫރު ހިމެނޭއިރު ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޕަންޖާބު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖް ވެސް މި ފިލްމުގެ ލީޑް އެކްޓަރުންގެތެރޭ ހިމެނެއެވެ.
އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު 2005 ވަނަ އަހަރުގެ "ނޯ އެންޓްރީ" އަކީ އަނިލް ކަޕޫރު، ސަލްމާން ޚާން އަދި ފަރުދީން ޚާން މުހިއްމު ރޯލްއިން ފެނުނު ފިލްމެކެވެ.
ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ކުރީގެ އެކްޓަރުން ސީކުއަލްއަށް ގެންނަން ބޭނުންވިޔަސް އެ އެކްޓަރުންގެ ޝެޑިއުލްތައް ހުރިގޮތުން "ނޯ އެންޓްރީ 2"އަށް ވަގުތު ދެވެން ނެތް ކަމަށެވެ.
ސީކުއަލްގެ މަސައްކަތް 200 ދުވަސްތެރޭ ނިންމަން އަމާޒު ހިފާފައިވާތީ މުޅިން އާ ކާސްޓުންނާ އެކު ފިލްމުގެ މަސައްކަތް ފަށަން ނިންމީ ކަމަށް ބޮނީ ވަނީ ބުނެފައެވެ.