ކޮމިއުނިކޭޝަންސް އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގަމުންދިޔަ، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް ސޮއިކޮށް ނެރެފައިވާ އިއުލާނެއްގައި ވަނީ، ހޯމް މިނިސްޓްރީގެ ދަށަށް ކޭމް ބަދަލުކުރީ ޤާނޫނު އަސާސީގެ 116ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

ކޭމް އަކީ ރާއްޖޭގެ ކޮމިއުނިކޭޝަން ދާއިރާ ރެގިއުލޭޓުކޮށް، ކުރިއެރުވުމުގެ ޒިންމާ މަތިކޮށްފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީގެ ބައެއް ޒިންމާތަކުގެ ތެރޭގައި:

  • ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
  • ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން.
  • ސެޓަލައިޓްގެ ގުޅުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓުކުރުމާއި، އެ ކަންކަން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަންއާއި ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން.
  • ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުން.
  • ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން.
  • ޕޯސްޓުގެ ދާއިރާ ރެގިއުލޭޓުކުރުމާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާދިނުމާއި، ޕޯސްޓާބެހޭ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

މި އޮތޯރިޓީ 2016ވަނަ އަހަރު އުފެއްދި އިރު، މިދިޔަ ސަރުކާރުގައި މި އޮތޯރިޓީ އޮތީ އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުގައެވެ. މި އޮތޯރިޓީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މި ސަރުކާރުންނެވެ.

comment ކޮމެންޓް