ނެޝަނަލް އެތުލީޓުންނާއި އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝުއަރެންސް ދިނުމަށް ބަޖެޓުގައި ހިމަނަން މިހާރު ހުށަހަޅާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
މިއީ ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިންޝުއަރެންސް ދިނުމަށް ނިންމި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، އެތުލީޓުންނަށް އިންޝުއަރެންސް ދިނުން އަލަށް ތައާރަފުކުރާއިރު އެންމެ ފުރަތަމަ ފަށަނީ ނެޝަނަލް އެތުލީޓުންނަށާއި، އެ އެތުލީޓުން ހިމެނޭ ޓީމްތަކުގެ އޮފިޝަލުންނަށް އިންޝުއަރެންސް ދޭ ގޮތަށް ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ފުރަތަމަ ފަހަރަށް މިފަދަ ކަމެއް ފައްޓާއިރު، އެކަމެއް ވާން އޮތް އެންމެ ފަސޭހަ ނުވަތަ އެންމެ ރަނގަޅު ގޮތަކަށް ކުރުން އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ފޯކަސް ކުރަނީ ނެޝަނަލް އެތުލީޓުންނަށް ކަމަށް ރާފިއު ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރު އެ ކަން ފަށައިގެން ކުރިއަށް ގެންދެވުމުން ކުރިއަށް އޮތް ތަނުގައި އެ ކަން ވެސް ފުޅާކުރެވޭނެ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އެ އެތުލީޓުންނަށް އިންޝުއަރެންސް ދިނުމަށް މިހާރު ހިމަނާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ 2025ވަނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން ވަނީ ހުށަހަޅާފަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނެޝަނަލް އެތްލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސްގެ ކަންތައް އަންނަ އަހަރު ހަމަޖެހިގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
ފާހަގަކޮށްލެވޭ ގޮތުގައި އޮލިޕްމިކްސް ފަދަ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ބައިވެރިވެ، ވާދަކުރެއެވެ.
ނަމަވެސް އެ އެތުލީޓުންނާއި، އެތުލީޓުންނާއެކު ބޭރަށް ފުރާ އޮފިޝަލުންނަށް އެއްވެސް ކަހަލަ އިންޝުއަރެންސެއް މީގެ ކުރިން ސަރުކާރުގެ ފަރާތުން ލިބިފައެއް ނުވެއެވެ.
މިނިސްޓަރު ރާފިއު ވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އުންމީދު ދެއްވާފައެވެ.