އޮސްޓްރޭލިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ. ފޮޓޯ/ރޮއިޓާސް

ކުޑަކުދިންނަށް ކުރިމަތިވެދާނެ ޖިސްމާނީ އަދި ނަފްސާނީ ނުރައްކާތަކާ ގުޅިގެން ކުޑަކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރުމަށް މި އަހަރުތެރޭ ގާނޫނެއް ތައާރަފް ކުރަން ރާވާފައިވާ ކަމަށް އޮސްޓްރޭލިއާއިން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ އޭނާގެ ސަރުކާރުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އުމުރު ވެރިފައި ކުރުމުގެ ޓްރަޔަލްއެއް ފަށާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ކުޑަކުދިން ޑިވައިސްތައް ދޫކޮށް، ފުޓްބޯޅަ ދަނޑުތަކާއި ސްވިމިން ޕޫލްތަކާއި ޓެނިސް ކޯޓުތަކަށް ދިއުން. ސޯޝަލް މީޑިއާ އިން ލިބޭ އިޖުތިމާއީ ގެއްލުންތައް އެނގޭތީ، އަޅުގަނޑުމެން ބޭނުންވަނީ އެ ކުދިން އަސްލު މީހުންނާއެކު އަސްލު ތަޖުރިބާ ކުރުން." އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އޭބީސީއަށް ދިން އިންޓަވިއުއެއްގައި އަލްބަނީޒް ވިދާޅުވިއެވެ.

އަލްބަނީޒް ވިދާޅުވީ ސައިބާ ބުލީގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ސިއްޚަތަށް ކުރާ އަސަރުތަކާއި އެ ކުދިންނަށް ވަރަށް ފަސޭހައިން ގެއްލުން ލިބޭ ކަހަލަ ކޮންޓެންޓަށް ހުށަހެޅުމުގެ ފުރުސަތު ސޯޝަލް މީޑިއާގައި ބޮޑު ކަމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން އޮސްޓްރޭލިއާއިން ނިންމީ ކުޑަކުދިންނަށް ޕޯންގްރަފީ އާއި އެހެނިހެން ނޭދެވޭ ތަކެތި ފެނުން ހުއްޓުވޭނެ ގޮތްތައް އެނގޭނެ ގޮތަށް ކޯޑެއް އެކުލަވާލުމަށް އިންޓަނެޓުގެ ޚިދުމަތްދޭ ކުންފުނިތަކަށް އެ ގައުމުގެ އީސޭފްޓީ ރެގިއުލޭޓަރުން ޖުލައި މަހު އެންގުމާ ގުޅިގެންނެވެ.

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރަން ގިނަ ގައުމުތަކުން މަސައްކަތް ކުރި ނަމަވެސް ގާނޫނީ ގޮންޖެހުންތަކާއި، ގޮތްނޭގޭ ވާޗުއަލް ޕްރައިވެޓް ނެޓްވޯކްތައް ފަދަ ޓެކްނޮލޮޖީގެ ސަބަބުން ސަރުކާރުތަކުގެ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

comment ކޮމެންޓް