ޔޫޒަބަލް ރިޒާވް އިތުރުވީނަމަ، އިތުރުވީ ސަބަބެއް އެމްއެމްއޭއިން ބުނެދޭން ޖެހޭ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ: ވިދާޅުވީ ޔޫޒަބަލް ރިޒާވް އިތުރުވީނަމަ، އިތުރުވީ ސަބަބެއް އެމްއެމްއޭއިން ބުނެދޭން ޖެހޭ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ ރަސްމީ ރިޒާވު އިތުރުވެފައިވާނަމަ ރިޒާވްގައި ހުރި ފައިސާ އިތުރުވީ ސަބަބެއް މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ބުނެދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ ނިމިދިޔަ އޯގަސްޓު މަހު ޖުމްލަ ރިޒާވް 444 މިލިއަނަށް އަދި ޔޫސަބަލް ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުން ދެއްކުމާ ގުޅިގެންނެވެ.

އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ކުރިއަށް ގެންދިޔަ ޖަލްސާގައި ޔާމީން ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ޔޫޒަބަލް ރިޒާވް ދަށްވަމުން ގޮސް އެއްކޮށް ހުސްވާ ހިސާބަށް ދިޔަ ކަމަށެވެ.

އެގޮތުން، ޔޫޒަބަލް ރިޒާވް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވާ ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މަރުކަޒީ ބޭންކަކީ ސިޔާސީ ވާހަކަދައްކާ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ. އެމްއެމްއޭއިން ގައުމުގެ މާލީ ހާލަތު ގޮތް ތެދު ބަހުން ބުނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ: ވިދާޅުވީ ޔޫޒަބަލް ރިޒާވް އިތުރުވީނަމަ، އިތުރުވީ ސަބަބެއް އެމްއެމްއޭއިން ބުނެދޭން ޖެހޭ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

ރިޒާވް ދަށްވި ވާހަކަ ދައްކަނީ އެކަމާ 'އުފަލަކުން ނޫން' ކަމަށާއި އެވާހަކަ ދައްކަނީ އެކަމަކީ އުނދަގޫ ކަމަކަށް ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޒާވް އިތުރުވި ވާހަކަ އެމްއެމްއޭއިން ބުނެފައި ވަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ތުހުމަތުކުރައްވައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ސީޒަން ނިމިފައިވާއިރު، ބޭރުގެ ރެވެނިއު ޖެނެރޭޓު ކުރާ އިންވެސްޓުމަންޓެެއް މިވަގުތު ރާއްޖޭގައި ނުހިނގާ ކަމަށެވެ.

އެހެންވީމާ އެމްއެމްއޭއިން ޔޫޒަބަލް ރިޒާވް އިތުރުވެއްޖެޔޭ ބުނާ ކަމަށް ވަންޏާ، އެމީހުން އެބަ ބުނެދޭން ޖެހޭ ޔޫޒަބަލް ރިޒާވް އިތުރުވީ ކިހިނެއްކަން. އެމްއެމްއޭގެ ބާރު ހިނގާ އެކައުންޓުން، އެއް އެކައުންޓުން އަނެއް އެކައުންޓަށް ވަގުތީ ޓްރާންސްފާއެއް ހެދުން އެއީކީ އެމްއެމްއޭގެ ޔޫޒަބަލް ރިޒާވް އިތުރުވުމެއް ނޫންކުރީގެ ރައީސް އަބްދުﷲ ޔާމީން

ހަމައެއާއެކު، ޔޫޒަބަލް ރިޒާވް އިތުރުކުރަން އެމްއެމްއޭއިން ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް)އިން ފައިސާ ނުނަގާކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްއޭ: ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިދާޅުވީ ޔޫޒަބަލް ރިޒާވް އިތުރުވީނަމަ، އިތުރުވީ ސަބަބެއް އެމްއެމްއޭއިން ބުނެދޭން ޖެހޭ ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެސްޑީއެފަށް ވީގޮތެއް ނުބުނެ އެބެންކުގެ ރިޒާވް އިތުރުވި ކަމަށް ބުނި ނަމަވެސް އެވާހަކަ ގަބޫލުކުރަން އުނދަގޫ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/196470

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ޖުލައި މަހު ރިޒާވުގައި ހުރީ 395 މިލިއަން ޑޮލަރެވެ. އެެހެންކަމުން އެ މަހު ޔޫސަބަލް ރިޒާވުގެ ގޮތުގައި ހުރީ 45 މިލިއަން ޑޮލަރެވެ.

ނަމަވެސް އޯގަސްޓު މަހު ރިޒާވަށް 49 މިލިއަން ޑޮލަރު އިތުރުވެ އެ އަދަދުވަނީ 444 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. ޖުމްލަ ރިޒާވް އިތުރުވީ ނަމަވެސް މި އަދަދަކީ އަދިވެސް އެއް މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެެވެ.

މި އަހަރުގެ ނިޔަލަށް، ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ހިމަނައިގެން ރަސްމީ ރިޒާވު 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ މީގެ ކުރިން އަންދާޒާކޮށްފައެވެ.

comment ކޮމެންޓް